ހިޔާލު ތަފާތުވިޔަސް އެކަކު އަނެކެއްގެ އަބުރު ކަތިލައި, ޢަބުރާ ޢިއްޒަތާއި ކަރާމާތަށް އަރައިގަނެގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ދެބަސްވުމުގެ އަދަބުތައް" ގެ މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ވިސްނުންތަކާއި ފިކުރާއި ރައުޔުތައް ތަފާތުކޮށް މާތްﷲ ލައްވާފައިވަނީ އެކަލާނގެ ނިޔާކުރައްވާފައިވާ ހިކުމަތެއްގެ ދަށުން ކަމަށާއި އެހެންކަމުން ހިޔާލު ތަފާތުވިޔަސް ވާހަކަދެއްކުމުގައި ހިފަހައްޓަން ޖެހޭ އަދަބުތަކެއް ވާކަން މިއަދުގެ ހުތުބާގައި ވަނީ ހަނދާންކޮށް ދީފައެވެ.

މުސްލިމުން ޖަދަލުކުރަން ވާނީ މާތްﷲ ގެ ވަޖްހުފުޅަށްޓަކައި ހައްގަށް ވާސިލްވުމަށް ކަމަށާއި ރައުޔު ތަފާތުވުމުގެ ސަބަބުން އެކުވެރިކަމުގައި ރެނދުއެޅިޔަ ދީގެން ނުވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ދީނީ މައްސަލަތަކާބެހޭ ގޮތުން ބަހުސްކުރާނަމަ އެ މައްސަލައަކާބެހޭ ގޮތުން އިލްމުވެރިންގެ ރައުޔުތަކާއި, ހުއްޖަތްތަކުގެ އަލީގައި މެނުވީ ޖަދަލުނުކުރަމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އެކުވެރިންނާއި މުވައްޒަފުންނާއި ގާތްތިމާގެ މީހުންނާއި ވާހަކަދައްކާ އިރުވެސް ނުވަތަ މައްސަލައަކާ ބެހޭގޮތުން ބަހުސްކުރާއިރު ރިވެތި އަދަބުތަކަށް ތަބާވުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވާއިރު މިއަދު އަހުރެމެންގެ އަހުންނާއި އުހުތުން މީސްމީޑިއާގައި އެކި މައްސަލަތަކުގައި ހިޔާލު ތަފާތުވެ އަރައިރުންވެ, ހަޑިހުތުރު ބަސްތަކުން ރައްދުދީ ޒުވާބުކޮށް އަބުރާ އިއްޒަތަށް އަރައިގަންނަމުންދާ ތަން ފެންނަކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އެބަޔަކީ ވެރިންކަމުގައި ވިޔަސް ރައްޔިތުން ކަމުގައިވިޔަސް ތަފާތު ޕާޓީތަކުގެ މީހުން ކަމުގައިވިޔަސް މުދައްރިސުން ކަމުގައި ވިޔަސް ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭނެ ކަމަށާއި ރައުޔު ތަފާތުވާ ކޮންމެ ވަގުތަކު މީސްމީޑިޔާއަށް އަރައި ހުޅު ރޯކުރާ ބަޔަކަށް ނުވުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.