ޔޫކްރައިން ހަނގުރާމަ އާއި، ޓައިވާނުގެ މަސްރަހާ އެކު ދުނިޔޭގެ ލޯތައް އަމާޒުވެފައި ވަނިކޮށް އުޒުބަކިސްތާނުގައި އިއްޔެ ފެށި ސަމިޓްގައި ޗައިނާއާއި ރަޝިއާއިން ބައްދަލުކޮށް ރަސްމީ ވާހަކަތައް ބާއްވައިފިއެވެ.
އިއްޔެ ބައްދަލުވުމާ ގުޅޭ ހަބަރުތައް ބުނާ ގޮތުން، އެ ބައްދަލުވުމުގައި ދެ ލީޑަރުން ވާހަކަ ދެއްކި ރާގާއި، ވާހަކަ ގެންގުޅުއްވި ގޮތުން، ދެ ލީޑަރުންނަކީ އެއްކަމަކަށް އެއްގޮތަކަށް ތާއީދު ކުރައްވައިގެން ތިއްބެވި 2 ލީޑަރުން ނޫންކަން ހާމަވާ ކަމަަށެވެ.
މި ބައްދަލުވުމުގައި ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓުން ވިދާޅުވީ، ރޫކްރައިން ހަނގުރާމަ އާ ގުޅިގެން ޗައިނާގެ ހުރި ކަންބޮޑުވުން އެނގިވަޑައިގަންނަވާ ކަމަށާއި، ޗައިނާއިން ގެންގުޅޭ މެދުމިނުގެ ސިޔާސަތަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ބަޔަކު މީހުން ދުނިޔެ އެމީހުންގެ ބާރުގެ ދަށުގައި ބާއްވަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލުތަކެއް ނުދެއްވައެވެ. ޕުޓިން އެ އަމާޒު ކުރެއްވީ، އެމެރިކާ އާއި ހުޅަނގަށް ކަމަށް ބެލެވެއެވެ.
ޕުޓިންގެ ވާހަކައިގައި ޓައިވާން މައްސަލައިގައި ހުޅަނގުން ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން ވާހަކައެއް ނުދައްކަވައެވެ.
ޕުޓިންގެ ވާހަކައަށް ޖަވާބު ދެއްވަމުން، ޗައިނާގެ ރައީސް ޝީ ޖިންގްޕިން ވާހަކަ ފެއްޓެވީ "މައި ޑިއާ ފްރެންޑް" ކަމަށް ވިދާޅުވެއެވެ. ޝީ ވިދާޅުވީ، ދުނިޔެއަށް ހަމަޖެހުން ގެނެސް، ބޮޑެތި ބާރުތަކުގެ މެދުގައި ހަމަޖެހުން ގާއިމު ކުރުމަށް ރަޝިއާ ގުޅިގެން ޗައިނާއިން މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ.
ޗައިނާގެ މިވާހަކައާ ގުޅިގެން އެލަނިސްޓުން ބުނެފައި ވަނީ، އެ ދެ ލީޑަރުންނަކީ "އިމެއްނެތް ރަހުމަތްތެރިން" ކަމަށް ވިދާޅުވި ނަމަވެސް، އިމެއްނެތި އެއްކަމަކަށް ތާއީދު ކުރައްވާ، އަދި ކަންކަމުގައި އެއްގޮތަކަށް ދެކެވަޑައިގަންނަވާ ދެބޭފުޅުން ނޫންކަން ހާމަވެއްޖެ ކަމަށެވެ.
ރަޝިއާ އާއި ޗައިނާ އަކީ ގިނަ ކަންކަމުގައި ވިސްނުން އެއްގޮތް، އެއް މިސްރާބަކަށް މަސައްކަތް ކުރާ ދެ ގައުމެވެ. ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނގުރާމައާ މެދު މާ ގިނަ ވާހަކަެއް ނުދައްކާ ޗައިނާ އަށް ގިނަ މަންފާތައްވެސް ލިބެއެވެ. އެގޮތުން، ރަޝިއާގެ ކާނާއާއި ކާބޯތަކެތީގެ އިތުރުން ހެޔޮ އަގުގައި ތެޔޮ ލިބެއެވެ. ހަމަ އެއާއެކު، ޗައިނާގެ އަތްދަށުން ޓައިވާން މިނިވަން ވިޔަ ނުދީ ހިފެހެއްޓުމަށް ޗައިނާއިން ހިންގާ އަސްކަރީ، ސިޔާސީ ކަންކަމުގައި ރަޝިއާއިން އެއްޗެއް ނުކިޔުމަކީވެސް ޗައިނާއަށް ލިބޭ މޮޅެކެވެ.
ރަޝިއާއަށް ޗައިނާގެ ފަރާތުން ބޭނުންވަނީ، ވިޔަފާރީގެ ފުރުސަތާއި އަސްކަރީ އެހީ ބޭނުންވެއްޖެ ނަމަ އެކަން ހަމަޖެހިގެން ދިޔުމާއި ސިޔާސީ ހިޔާލު އެއްގޮތް ވުމެވެ. އޭގެ އިތުރުން، ދުނިޔޭގެ ޕޮލިޓިކްސްގައި އެމެރިކާއާއި އާއި ހުޅަނގުން ކޯލިޝަން ހަދާ އުސޫލުން އެމެރިކާއާއި ހުޅަނގާ ދެކޮޅަށް، ރަޝިއާ އާއި ޗައިނާވެސް ކޯލިޝަން ހަދާ އެއްގަލަކަށް އެރޭ ހިސާބުގައި ތިބުމަކީ ދެގައުމުންވެސް ބޭނުންވާ ކަމެކެވެ.
ޝެންގްހައި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) އުޒުބަކިސްތާނުގައި ފެށިފައި ވާއިރު، މި ސަމިޓުގައި އިންޑިއާގެ ރައީސް ނަރެންދްރަ މޯދީވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އިއްޔެ އުޒުބަކިސްތާނުގައި ފެށި މި ސަމިޓަށް މޯދީ ވަޑައިގަންނަވާ އިރު، މިއީ 2020 ވަނަ އަހަރު ހިމާލަޔާ ބޯޑަރުގައި ޗައިނާ އާއި އިންޑިއާގެ ސިފައިންގެ މެދުގައި ހިނގި ހަނގުރާމައަށް ފަހު އެ 2 ލީޑަރުން ބައްދަލުވާ ފުރަތަމަ ފަހަރެވެ.
ސެންގްހާއި ކޯޕަރޭޝަން ސަމިޓަކީ ޗައިނާއާއި ކަޒަގިސްތާނާއި ކިރިގިސްތާނުގެ އިތުރުން ރަޝިއާ އާއި ތަޖިކިސްތާނު އަދި ޗައިނާއާއި ޕާކިސްތާނާއި އިންޑިއާ ބައިވެރިވާ އެ ސަރަހައްދުގެ ސަލާމަތާއި އިގުތިސޯދާއި އަދި ސިޔާސީ މަސްލަހަތުތަކުގެ މައްޗަށް އެ ގައުމުން އެއްބަސްވެ ހަދާފައި އޮންނަ ކޯޕަރޭޝަނެކެވެ. މި ކޯޕަރޭޝަންގައި އީރާނުންވެސް މިއަހަރުގެ ތެރޭގައި ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނެއެވެ.