ބޮލީވުޑްގެ މަޝްހޫރު ފިލްމުމޭކާ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ހޯސްޓްކުރާ "ކޮފީ ވިތު ކަރަން" ގެ ސީޒަން ހަތެއް ފެށިގެންދާއިރު މި ހަފްތާގެ މެހެމާނަކަށް ކުޅަދާނަ އެކްޓަރުން ކަމަށްވާ އަނިލް ކަޕޫރާއި ވަރުން ދަވަން ހަމަޖައްސައިފިއެވެ.

ކޮންމެ ބުރާސްފަތި ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދޭ ކޮފީ ވިތު ކަރަން އަކީ ޝޯގައި ބައިވެރިވާ މެހެމާނުންގެ ކެރިއަރުގެ ވާހަކަތަކާއި އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރާ ޝޯއެކެވެ. އަދި އަގުބޮޑެތި ހަދިޔާތަކެއް ދީ މަޖާ ގޭމްތަކެއް ވެސް ކުޅޭ ޝޯއެކެވެ.

މި އެޕިސޯޑުގެ ޓްރެއިލާއެއް މިހާރު އާންމުކޮށްފައިވާއިރު ޓްރެއިލާ އިން ފެނިގެންދަނީ ދެތަރިންވެސް އެމީހުންގެ ކައިވެނީގެ ބައެއް ކަންތައްތައް ހިއްސާކުރާ ތަނެވެ. އެންމެ ގޮސިޕްކުރާ އެކްޓަރަކީ ކާކުތޯ ކަރަން ސުވާލުކުރުމުން ވަރުން ބުނީ އެކަން ކުރަން އެންމެ ރަނގަޅުވާނީ އަރުޖުން ކަޕޫރު ކަމަށެވެ. ވަރުން އެންމެ މަސައްކަތް ކުރާ ހިތްވަނީ ދީޕިކާ ޕަޑުކޯން ނުވަތަ ކެޓްރީނާ ކެއިފް އާއެއްކޮށްތޯ ސުވާލުކުރުމުން ވަރުން ބުނީ އެދެމީހުންނަށް ވުރެ އަހަރެން ކުޑަކަމަށެވެ. ދެމީހުންގެ ކުރިމަތީ ހުންނައިރު އޭނާ ހީވަނީ ކުޑަކުއްޖެހެން ކަމަށެވެ.

ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަން ފެށިގެން ކުރިއަށްދާއިރު މިހާތަށް މި ޝޯ އިން ފެނިގެންދިޔަ ތަރިންނަކީ ވިކީ ކޯޝަލް، ސިދާތު މަލްހަތްރާ، އަރުޖުން ކަޕޫރު، ސޯނަމް ކަޕޫރު، ކަރީނާ ކަޕޫރު ޚާން، އާމިރު ޚާން، އަނަންޔާ ޕާންޑޭ، ވިޖޭ ދެވަރަކޮންޑާ، ސާރާ އަލީ ޚާން، ޖާންވީ ކަޕޫރު، އަކްޝޭ ކުމާރު، ސަމަންތާ ރުތް ޕްރަބޫ، އާލިއާ ބަޓް، ރަންވީރު ސިންހް، ޓައިގާ ޝްރޮފް، ކްރިތީ ސެނަން، އިޝާން ކައްތުރާ، ސިދާންތު ޗަކްރަވޭދީ އަދި ކެޓްރީނާ ކެއިފްއެވެ.