މަޖީދީމަގު ޔޫރޯ ސްޓޯރު ކައިރިން ފުލުހުންތަކަކަަށް ހަމަލާދިން މައްސަލައާ ގުޅިގެން އިތުރުން 5 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ ހަމީދު) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންނަށް ހަމަލާދިން މައްސަލައިގައި މިރޭ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ފިލައިގެން އުޅެނިކޮށް ކަމަށް ސީޕީ ވިދާޅުވިއެވެ.

މިމަހު ނުވަ ވަނަ ދުވަހު ދިން ހަމަލާ ގުޅިގެން މީގެ ކުރިން 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ސީޕީ ވަނީ މި މައްސަަލަ ވަރަށް ސީރިއަސްކޮށް ނަންގަވާނެ ކަމަށް ވިދާޅުވެފައެވެ.

ސީޕީ ވިދާޅުވީ، އެ 3 ފުލުހުންނަށް ހަމަލާ ދިނީ ހެންވޭރުގެ މަޝްހޫރު ގޭންގަކުން، އެމީހުން އޮފް ޑިއުޓީގައި އުޅެނިކޮށް ކަމަށެވެ.

ރޭވިގެން ހިންގާ ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް މިހާރަށް ވުރެ ފުޅާ، ހަރުދަނާ ނިޒާމެއް ގާއިމް ކުރަންޖެހޭ ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ ރައްކާތެރިކަމަށާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަަށަވަރުކުރުމަށް އިތުރު އެއްބާރުލުން ބޭނުންވާ ކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.