މާލޭގެ ގެއެއްގެ އެޕާތްމަންޓް 12 އަހަރަށް ކުއްޔަށް ނަގާފައިވާ ކަން ދެއްކުމަށް ސައްހަނޫން ގޮތުގައި އެގްރީމަންޓެއް އުފެއްދުމުގެ މައްސަލައިގައި ޅ. ހިންވަރު، އަންބަރީގެ، އިބްރާހިމް ނަޒީދުގެ މައްޗަށް 48،108 ރުފިޔާ އިން ޖޫރިމަނާ ކުރުމާއެކު 6 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އިބްރާހިމް ނަޒީދު، 2020 ވަނަ އަހަރު ހ. ސީޓްމާގޭގެ 4 ވަނަ ފަންގިފިލާގައި ހުރި 3 ކޮޓަރީގެ އެޕާޓްމަންޓް އޭނާއަށް 12 އަހަަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާ ކަން ދެއްކުމުގެ ގޮތުން ވަނީ ސައްހަ ނޫން އެގްރީމަންޓެއް ހަދާފައެވެ. އެގޮތުން އެ އެޕާޓްމަންޓްގެ ވެރިފަރާތް ކަމުގައިވާ ފާތުމަތު މުހައްމަދުގެ ނަމުގައި ސައްހަ ނޫން އެއްބަސްވުމެއް ހަދައި އެ އެއްބަސްވުމުގައި ފާތުމަތުގެ ނަމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ވަނީ އިބްރާހިމް ނަޒީދު ޖަހާފައެވެ. ހަމައެއާއެކު އެ އެއްބަސްވުމުގައި ހެކިވެރިންގެ ގޮތުގައި ތ. މަޑިފުށި، ކެނެރީގެ އަހްމަދު ރަޝީދު އާއި ކ. މާލެ، މ. ކްރެސްޓުވުޑް ހާމިދު ހަމީދުގެ ނަން ލިޔެ އެމީހުންގެ ނަމުގައި އިބްރާހިމް ނަޒީދު ވަނީ ސޮއިކޮށް އިނގިލީގެ ނިޝާން ވެސް ޖަހައި ވަނީ އެ އެއްބަސްވުމުގެ ލިޔުން ހަދާފައެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އިބްރާހިމް ނަޒީދު ބުނެފައި ވަނީ މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވާ ކަމަށާއި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވެ. އެގޮތުން އޭނާ ވަކީލާ އެކު ޝަރީއަތަށް ހާޒިރުވެ 4 ޖުލައި ވަނަ ދުވަހު ބުނެފައި ވަނީ އޭނާއަށް އިފްތިތާހީ ބަޔާން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. އެގޮތުން އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން އެހެން ދުވަހަށް އެ މައްސަލަ ބަލަން ތާވަލު ވަނީ ކޮށްފައެވެ. އެ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އަށް އިއުތިރާފް ވެފައެވެ. އެ އެޕާޓްމަންޓް އޭނާއަށް 12 އަހަަރަށް ކުއްޔަށް ދީފައިވާ ކަން ދެއްކުމަށް އޭނާ ސައްހަ ނޫން އެއްބަސްވުމެއް ތައްޔާޜު ކުރި ކމަށް ވަނީ އިއުތިރާފް ވެފައެވެ.

މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަގައިގެ ކުށެއް ކަމުން ކަނަޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ. އަދި އޭނާގެ ކުށުގެ ރެކޯޑް ބަލާއިރު އަދަބު މަތިވާނެ ހާލަތެއް ނެތުމުން ދަރަޖަ ދަށް ވާނެ ހާލަތެއް ވެސް ނެތް ކަމަށް ދައުލަތުން ބުނެފައި ވެއެވެ. އެއީ އޭނާގެ މައްޗަށް ކުރާ ހުކުމް އުނި ކުރާނެ މުއްދަތެއް ނެތީ މި މައްސަލައާ ގުޅިގެން އޭނާ ބަންދުކޮށްފައިނުވާތީއެވެ.

އަދަބާ ގުޅޭ ގޮތުން އިބްރާހިމް ނަޒީދުގެ ފަރާތުން އެދިފައި ވަނީނ އޭނާގެ މައްޗަށް ކަނޑައެލޭ އަދަބު ޖޫރިމަނާއަކަށް ނުވަތަ ގޭ ބަންދަސް ބަދަލުކޮށް ދިނުމަށެވެ. އޭނާ އަކީ ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށާއި މަހަކު 15000 ރުފިޔާ ލިބޭ ކަމަށް ބުނެފައި ވެއެވެ. އަދި މި ހާދިސާގައި ގެއްލުން ލިބުނު ފަރާތަށް އޭނާ ފައިސާ ދައްކަމުންދަ ކަމަށް ވެސް ބުނެފައި ވެއެވެ. ޖޫރިމަނާއަކަށް ނުވަތަ ގޭބަންދަށް ބަދަލު ކުރާ ނަމަ މުޖުތަމައުއަށް ހިދުމަތްކުރުމުގެ އަދަބެއް ކަނޑައަޅައި ދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

މި މައްސަލައިގައި ނަޒީދު ކުށަށް އިއުތިރާފްވެ، ކޯޓާއި ދައުލަތުގެ ވަގުތު ސަލާމަތްވެފައި ވާތީ އާއި އޭނާ ހާދިސާގައި ގެއްލުން ލުބުނު ފަރާތަށް ފައިސާ ދައްކަމުންދާތީ، އޭނާގެ އަދަބުގެ މިންވަރު އެއް ދަރަޖަ ދަށް ކުރުމަށް ވަނީ ޝަރީއަތުން ނިންމާފައެވެ. ޓެކުމުގެ ކުށް އިބްރާހިމް ނަޒީދުގެ މައްޗަށް ސާބިތުވެފައިވާ ކަމަށާއި މިއީ މި ހާދިސާއާ ގުޅިގެން އޭނާގެ މައްޗަށް ސާބިތުވާ ދެވަނައަށް އެންމެ ބޮޑު ކުށަށް ވުމުން މި ކުށަށް ކަނޑައަޅާނީ އަދަބުގެ ދެބައި ކުޅަ އެެއްބައެވެ. އެގޮތުން އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބަކީ 6 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކަމުގައި ވީ ނަމަވެސް، އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން 6 މަސް ދުވަހުގެ ޖަލުގެ މުއްދަތު ޖޫރިމަނާއަށް ކަނޑައަޅަން ވަނީ ނިންމާފައެވެ.

އެގޮތުން އޭނާއަށް އަންނަ ޖަލު ހުކުމުގެ ތެރެއިން 6 މަސް ދުވަހުގެ މުއްދަތުގެ ބަދަލުގައި 48108 ރުފިޔާ އިން ޖޫރިމަނާ ކުރުމަށާއި 6 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ވަނީ އަންގާފައެވެ.