ބޮލީވުޑްގެ ކާމިޔާބު ދެތަރިން ކަމަށްވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާ އަންނަ އޮކްޓޯބަރު މަހު ކައިވެނިކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިދެތަރިންގެ ކައިވެންޏަކީ ފޭނުން ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހުނު ކައިވެންޏެއް ވެސް މެއެވެ. ދެތަރިން އެންމެ ފުރަތަމަ ކައިވެނިކުރަން ނިންމީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގައި އިންޑިއާ އެއްކޮށް ލޮކްޑައުންކުރުމާއެކު އެކައިވެނި ކުރުމަށް ހުރަސްއެޅުނީއެވެ. ވަކި ތާރީޚެއް ނެތް ގޮތަށް ކައިވެނި ފަސްކޮށް އަނެއްކާވެސް ފޭނުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނީ އެ ކައިވެނި މިދިޔަ އަހަރު ކުރާނެ ކަމަށް ބުނުމުންނެވެ. ނަމަވެސް އެ ހުވަފެންވީ ބިލާހަކަށެވެ.

މުމްބާއީގައި އަންނަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު ދެތަރިން ކައިވެނިކުރާނެކަން ޔަގީންވެފައިވާއިރު ކައިވެނީގެ ތައްޔާރީތައް މި މަހު ފަހުކޮޅު ފަށާނެ ކަމަށް ރިޕޯތްތައް ބުނެއެވެ. މުމްބާއީގެ ޕްރައިވެޓް ބަންގްލޯއެއްގައި ކައިވެނިކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު ބޮޑު ކައިވެނި ޕާޓީއެއް ބާއްވަން ހަމަޖެހިފައިވާކަމަށް ޕިންކްވިލާ އިން ބުންޏެވެ. އަދި އެ ކައިވެންޏަށް ބޮލީވުޑްގެ ގިނަ ފަންނާނުންނަށް ދައުވަތު ދޭނެ އެވެ.

ރިޗާ އާއި ފަޒަލް ވަނީ 2018 ވަނަ އަހަރު އެންގޭޖްވެފައެވެ. ފަޒަލް، ރިޗާ އަށް ޕްރޮޕޯސް ކުރީ ވެސް ރާއްޖޭގެ ރިސޯޓެއްގައެވެ. މިދެތަރިން މީގެ ކުރިން ކައިވެންޏެއް ކޮށްފައެއްނުވެ އެވެ. ފަޒަލްއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ އެކްޓަރެއް ވެސްމެ އެވެ. އޭނާގެ ހޮލީވުޑް ބައެއް ފިލްމުތަކުގެ ތެރޭގައި "ފާސްޓް އެންޑް ފިއުރިއަސް 7" އަދި "ޑެތު އިން ދަ ނައިލް" ހިމެނެއެވެ. ބަތަލާ ރިޗާ ކުޅުނު ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ސެކްޝަން 375"، "ޕަންގާ" އަދި "ރާމްލީލާ" ހިމެނެއެވެ.