ދަރުމާ ޕްރޮޑަކްޝަން އިން ގެނެސްދޭ ފިލްމު "ޔޯދާ"ގެ ޝޫޓިން އަށް ފިލްމުގެ ބަތަލު ސިދާތް މަލްހަތްރާ މަނާލީ އަށް ފުރައިފިއެވެ.

މި ފިލްމުގެ ޅީޑު ރޯލުން ސިދާތު އާއެކު ފެނިގެންދާނީ ކާމިޔާބު ބަތަލާ ދިޝާ ޕާޓްނީ އާއި ރާޝީ ކަންނާއެވެ. މި ދެތަރިން ވެސް މިހާރު ވަނީ ފިލްމުގެ މަންޒަރުތައް ނެގުމަށް މަނާލީ އަށް ގޮސްފައެވެ. ޔޯދާ އަކީ ސިދާތު އާއި ދިޝާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ. އެކްޝަން ތުރިލާ ޖޯންރާ އަށް ގެނެސްދޭ މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް މި ފިލްމު ވަނީ ފަހުން އަންނަ އަހަރަށް ފަސްކޮށްފައެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ފުރަތަމަ އޭރިއަލް އެކްޝަން ފްރެންޗައިޒް "ޔޯދާ" ގައި ސިދާތު ފެނިގެންދާނީ އާމީ އޮފިސަރެއްގެ ރޯލުންނެވެ. ފިލްމުގައިފެނިގެންދާނީ ޓެރަރިސްޓުން ތަކެއް އެއާކްރާފްޓެއް ހައިޖެކްކުރުމުން ދެން ކަންތައްތައް ވެގެންދާ ގޮތެވެ. މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަން ނުކުންނަ ދެމީހަކު ޑައިރެކްޓްކުރާ ފިލްމެކެވެ. އެއީ ޕުޝްކަރު އާއި ސާގަރް އަމްބާއެވެ. ފިލްމު ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރު އަދި ޝަޝަންކް ކައިތާން އެވެ.

ދެހާސް ބާރަ ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވީ ސިދާތް ވަނީ މީގެ ކުރިން ވެސް ކަރަން އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި "ހަސީ ތޯ ޕަސީ"، "ކަޕޫރު އެންޑް ސަންސް" އަދި "ޝޭރްޝާހް" އެވެ. އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެންދާނީ އަޖޭ ދޭވްގަން އާއެކު ފިލްމު "ތޭންކް ގޯޑް" އިންނެވެ.