ހިޔާގެ ހަތަރު ވަނަ ޓަވަރުގެ މަތިން އުކާލި ތަކެތިން ޖެހި، ތިރީގައި ޕާކުކޮށްފައި ހުރި އުޅަނދުފަހަރަށް ގެއްލުންވެއްޖެއެވެ.

ހަތަރުވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރެ، މީހަކު އެއްޗެހި އުކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށައިފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ޑަސްބިނާއި ޑަބިޔާ އާއި އަންނައުނާއި ވަޅިއާއި ތެލި ފަދަ ތަކެތި އުކާފައި ވެއެވެ.

އެ މީހާ އެ އެއްޗެހި އުކަމުން ދިޔަ ވަގުތު، އެ ފްލެޓާ ދިމާ ތިރީގައި އެތައް ބަޔަކު ދިޔައީ ހިނގާބިނގާވަމުންނެވެ. އެއްޗަކުން ޖެހި މީހަކަށް ގެއްލުންވި ކަން އެނގިފައި ނުވި ނަމަވެސް، ތިރީގައި ޕާކްކޮށްފައި ހުރި އުޅަނދުފަހަރަށް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.

https://www.facebook.com/azoofaisal/posts/pfbid02DRgxqCAGEV3TEkxC2X9W23m4fobd8BvtBcpNtMmYzh2hwWd1hweazj63Y9xHCwTql

ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި، ކާރެއްގެ ކުރީ ބިއްލޫރިގަނޑުގެ މައްޗަށް ޑަބިޔަލެއް ވެއްޓި، ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ވެއެވެ. އަދި ޓައްޕަކުން ޖެހި ޕިކަޕެއްގެ ކުރީ ބިއްލޫރިގަނޑު ވެސް ތަޅައިގެން ގޮސްފައި ވެއެވެ.

ފްލެޓްގައި އުޅޭ މީހުން ބުނާ ގޮތުގައި، އެހާ މަތިން އެއްޗެހި އުކާފައި ވަނީ މަސްތުގެ ހާލަތުގައި ހުރި މީހެކެވެ.

ފުލުހުން ބުނީ، ހިޔާގެ ހަތަރުވަނަ ޓަވަރުގެ ތިރީގައި ޕާކުކޮށްފައި ހުރި އުޅަނދުފަހަރަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރުފަހު 1 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށާއި، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.