ކާމިޔާބު އިންސްޓޯލްމަންޓް "އާޝިގީ 3" ގެންނަން އުޅޭކަން ވަނީ ދާދިފަހުން އިއުލާން ކޮށްފައެވެ.
އަނޫރާގް ބާސޫ ޑައިރެކްޓްކުރާ މި ފިލްމުގެ ތިން ވަނަ ބައި ކާތިކް އާރްޔަން އާއެކު އިއުލާންކުރުމާއެކު ދެން އެންމެން ބަލަން ބޭނުންވީ ފިލްމުގައި ބަތަލާއެއްގެ ރޯލު ކުޅޭނީ ކޮން ތަރިއެއް ތޯއެވެ. ދާދިފަހުން ވަނީ މި ފިލްމުގެ ބަތަލާގެ ރޯލު ކުޅެން ޓީވީ އެކްޓްރެސް ޖެނިފާ ވިންޖެޓަށް ދިން ވާހަކަ ދެކެވިފައެވެ. ނަމަވެސް ފިލްމުގެ ޓީމުން ވަނީ އެކަން ދޮގުކޮށް އެކަމާ ގުޅޭގޮތުން ބަޔާނެއް ވެސް ނެރެފައެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމު ކުޅޭނެ ބަތަލާއިން ނަންތަކެއް މިހާރު ޝޯޓްލިސްޓްކޮށްފައި ވާ ކަމަށާއި އެ ތަރިންނަކީ ދީޕިކާ ޕަޑުކޯން، ކްރިތީ ސެނަން އަދި ޝްރައްދާ ކަޕޫރު ކަމަށެވެ. މި ފިލްމުގެ ތިން ވަނަ ބައި ކުޅެންދޭނީ މި ތިން ތަރިންގެ ތެރެއިން ކޮންމެވެސް އެއް ތަރިއަކަށް ކަމަށް ޕިންކްވިލާ އިން ރިޕޯޓްކުރެއެވެ.
ގިނަ ބަޔަކު އެދެމުން އަންނަނީ އެ ފިލްމަށް ޝްރައްދާ ކަޕޫރު ނެގުމަށެވެ. ސަބަބަކީ މި ފިލްމުގެ ދެވަނަ ބައި ކުޅުނީ ޝްރައްދާ ކަމަށްވާތީއެވެ. އަނެއް ބައި މީހުން އެދެނީ ކާތިކް އާއެކު ކްރިތީ ފެނުމަށެވެ. އެއީ އެދެމީހުން ކެމިސްޓްރީ މި ކަހަލަ އަސަރުގަދަ ފިލްމަކަށް އެންމެ އެކަށީގެންވާނެތީ ކަމަށް ބުނެއެވެ.
ފިލްމުގެ އެންމެ ފުރަތަމަ ފިލްމު "އާޝިގީ" ރިލީޒްކުރީ 1990 ގައެވެ. އެ ފިލްމު ޑައިރެކްޓްކުރީ މަހޭޝް ބަޓްއެވެ. ފިލްމުގެ ތަރިންނަކީ ރާހުލް ރޯއީ އަދި އަނޫ އަގަރުވާލެވެ. މި ފިލްމުގެ ދެވަނަ އިންސްޓޯލްމަންޓް "އާޝިގީ 2" ނުކުތީ 2013 ވަނަ އަހަރުގައެވެ. އެ ފިލްމުގައި ހަރަކާތްތެރިވީ އަދިތްޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ. މޯހިތު ސޫރީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.