އަންނަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ތިއޭޓާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ތެންކް ގޯޑް"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ޓީ ސީރީޒުން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ އިންދްރާ ކުމާރުއެވެ. އަދި މި ފިލްމު ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރެވެ. ސިދާތު އާއި އަޖޭގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ރާޖުލް ޕްރީތެވެ. ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު މި ފިލްމުގެ ޓްރެއިލާ ބެލި ގިނަ މީހުންނަށް ކަމުދިޔައީ އަޖޭ މި ފިލްމުގައި ކުޅެފައި އިން ރޯލެވެ.

މި ފިލްމު އިތުރަށް ހާއްސަވެގެންދާ ސަބަބަކީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން މި ފިލްމުގައި ހިމަނާފައިވާތީއެވެ. މި ލަވައިގައި ފެނިގެންދާނީ ނޯރާ ފަތެހީއެވެ.

ފިލްމުގެ ލީޑު ތަރި ރާކުލް ބުނީ މި ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ ފިލްމެއް ކަމަށާއި ފިލްމު ނުބަލައި ދޫކޮށްލެވޭކަށް ނޯންނާނެ ކަމަށެވެ. ފިލްމު ފެށީއްސުރެ ނިމުމާ ހަމައަށް އަންނައިރު ބެލުންތެރިން ތިބޭނީ ހީހީ ބަނޑުގައި ރިއްސާފައިކަމަށް ރާކުލް ވަނީ ބުނެފައެވެ. މީގެ އިތުރުން އެކްޓަރު ސިދާތް މި ފިލްމާ ގުޅޭ ގޮތުން ބުނީ ފިލްމުގައި މަޖާ ކަންތައްތަކެއްގެ އިތުރުން ބެލުންތެރިންނަށް ރަނގަޅު މެސެޖެއްދޭނެ ކަމަށެވެ.

ކުޅަދާނަ އެކްޓަރު ސިދާތް މަލްހަތްރާ އެންމެފަހުން ފެނިގެންދިޔައީ އޭނާގެ ލޯބިވެރިޔާ އާއެކީ ކުޅުނު ފިލްމު "ޝޭރްޝާހް" އިންނެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެއެވެ. ބަތަލާ ރާކުލް އާއި ސިދާތު ވަނީ އެކުގައި ދެ ފިލްމެއް މީގެ ކުރިން ކުޅެފައެވެ. އެއީ "އައްޔާރީ" އާއި "މަރްޖާވާން" އެވެ.