ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަންގަނާ ރަނައުތުގެ "ތޭޖާސް" އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން އޮތީ އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. ކަންގަނާ އެއާފޯސް ޕައިލެޓެއްގެ ރޯލުން ފެނިގެންދާ މި ފިލްމު ފަސްކުރީ ފިލްމުގެ ބައެއް މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ. އަދި މި ފިލްމު އަންނަ ޑިސެމްބަރު މަހު ނުވަތަ އަންނަ އަހަރުގެ ޖަނަވަރީ މަހު އަޅުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ތޭޖާސް އަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކޮށް ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމު ކުޅެން އެއްބަސްވުމަށްފަހު ކަންގަނާ ކުރިން ބުނީ މި ފިލްމަށް އެއްބަސްވީ ހަމައެކަނި އެއް ސަބަބަކަށް ކަމަށެވެ. އެއީ އޭނާ އަކީ އެންމެ ކުރީންފެށިގެން ވެސް ޕައިލެޓެއްގެ ރޯލު ކުޅެން ބޭނުންވެފައި ހުރި މީހެއް ކަމަށް ވުމާއެކު މި ފިލްމު ކުޅުމުގެ ފުރުސަތު ލިބުމުން ކަމަށެވެ.

ތޭޖާސް އިން ފެނިގެންދާނީ އިންޑިއާ ރައްކާތެރި ތަނަކަށް ހެދުމަށް ސިފައިންކުރާ މަސައްކަތްތަކުގެ ތެރެއިން އެމީހުންނަށް ދިމާވާ ގޮންޖެހުންތަކެވެ. އަދި އެކަމުން އަރައިގަނެ އިންޑިއާ އަމަން އަމާން ތަނަކަށް ސިފައިން ހަދައި މަންޒަރުވެސް ފިލްމުން ފެނިގެންދާނެއެވެ.

ކުޅަދާނަ އެކްޓަރު ކަންގަނާ އެންމެ ފަހުން ފެނިގެންދިޔައީ "ދާކަޑް" އިންނެވެ. އެ ފިލްމަށް އާންމުންގެ އިތުރުން ކްރިޓީކުންގެ ވެސް މާބޮޑު ތަރުހީބެއް ލިބިފައެއްނުވެއެވެ. މިހާރު ބަތަލާ އަންނަނީ ފިލްމު "އިމަޖެންސީ" ގައި މަސައްކަތް ކުރަމުންނެވެ. މި ފިލްމަކީ އޭނާގެ އަމިއްލަ އުފެއްދުމެއް ވެސްމެއެވެ. ކަންގަނާ ރަނައުތު ބޮލީވުޑަށް ތައާރަފްވީ 2006 ވަނަ އަހަރު ނުކުތް ހިޓް ފިލްމު "ގޭންގްސްޓާ: އަ ލަވް ސްޓޯރީ" އިންނެވެ. މުކޭޝް ބަޓް އަދި މަހޭޝް ބަޓްގެ ޕްރޮޑަކްޝަންގެ ދަށުން ކަންގަނާ ބޮލީވުޑަށް ތައާރަފްވިއިރު އޭނާ އާއެކު އެ ފިލްމުން ފެނިގެންދިޔައީ އެކްޓަރު އިމްރާން ހާޝިމީއެވެ.