އަނޫރާގް ބާސޫ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "އާޝިގީ 3" އަށް ކުޅަދާނަ އެކްޓަރު ކާތިކް އާރްޔަން ސޮއިކޮށްފިއެވެ.

ކާތިކް ވަނީ އޭނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި އެކަން އިއުލާންކޮށްފައެވެ. މި ފިލްމަކީ ބުޝަން ކުމާރު އަދި މުކޭޝް ބަޓް ޕްރޮޑިއުސްކުރާ ފިލްމެކެވެ. ކާތިކް ބުނީ މި ފިލްމާއެކު އޭނާގެ ހުވަފެންތައް ހަގީގަތަކަށް ވެއްޖެ ކަމަށެވެ. އަދި އަނޫރާގް އާއެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާ ކަމަށާއި އޭނާ އަކީ އަބަދުވެސް އަނޫރާގް ފޭނެއް ކަމަށެވެ. އަދި އަނޫރާގް އާއެކު މަސައްކަތް ކުރުމުން މިހާރު ހުރިވަރަށްވުރެ އޭނާ ކުރިއަރާނެ ކަން ގަބޫލުކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އާޝިގީ އަކީ އިންސްޓޯލްމަންޓެކެވެ. މި ފިލްމުގެ އެންމެ ފުރަތަމަ ފިލްމު "އާޝިގީ" ރިލީޒްކުރީ 1990 ގައެވެ. އެ ފިލްމު ޑައިރެކްޓްކުރީ މަހޭޝް ބަޓްއެވެ. ފިލްމުގެ ތަރިންނަކީ ރާހުލް ރޯއީ އަދި އަނޫ އަގަރުވާލެވެ. މި ފިލްމުގެ ދެވަނަ އިންސްޓޯލްމަންޓް "އާޝިގީ 2" ނުކުތީ 2013 ވަނަ އަހަރުގައެވެ. އެ ފިލްމުގައި ހަރަކާތްތެރިވީ އަދިތްޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ. މޯހިތު ސޫރީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

މި ފިލްމުގެ ތިން ވަނަ ބަޔަށް ކާތިކް ސޮއިކުރި ނަމަވެސް ކާތިކް އާއެކު ފެނިގެންދާނީ ކޮން އަންހެން ތަރިއެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކުޅަދާނަ އެކްޓަރު ކާތިކް އެންމެ ފަހުން ފެނިގެންދިޔައީ ކިއާރާ އަދުވާނީ އާއެކު "ބޫލް ބުލައްޔާ 2" އިންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ ކްރިތީ ސެނަން އާއެކު "ޝެހެޒާދާ" އިންނެވެ. މީގެ އިތުރުން ވެސް ކާތިކް ވަނީ ދާދިފަހުން އެހެން ފިލްމަކަށްވެސް ސޮއިކޮށްފައެވެ. އެއީ ބަތަލާ ކިއާރާ އަދުވާނީ އާއެކު ކުޅޭ ފިލްމު "ސަތްޔަޕްރޭމް ކީ ކަތާ" އެވެ.