މި މަހު ނުވަ ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ބުރަސްމަސްތުރާ"ގެ އާ ޓްރެއިލާ އެއް ދައްކާލައިފިއެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން އުޅޭ ފުރަތަމަ ޓްރިލޮޖީގެ ފުރަތަމަ ބައި "ބުރައްމަސްތުރާ" އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ 2018 ވަނަ އަހަރެވެ. ނަމަވެސް ފިލްމު ފަސްކުރަމުން ފަސްކުރަމުން ދަނިކޮށް ކޮވިޑްގެ ޕެންޑެމިކް ކުރިމަތިވުމާއި ގުޅިގެން އިތުރަށް ފިލްމު ފަސްކުރަންޖެހުނީއެވެ.
ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކާމިޔާބު ދެތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ފެންޓަސީ އެޑްވެންޗާއެކެވެ. ހަމައެއާއެކު މި ފިލްމަކީ މިދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމުވެސްމެއެވެ. މި ފިލްމަކީ ތިން ބަޔަކަށް ބަހައިލައިގެން ގެނެސްދޭން ނިންމާފައިވާ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ބައި "ބުރައްމަސްތުރާ: ޕާޓް ވަން ޝިވާ" ގެ އެޑްވާންސް ބުކިން އަށް މިހާރު ހުޅުވާލައިފައިވާއިރު އެ ފިލްމުގެ ޓިކެޓް އަންނަނީ ގިނަ ބަޔަކު ގަންނަމުންނެވެ.
"ބުރައްމަސްތުރާ" އަކީ ބޮލީވުޑްގެ ތާރީހުގައި ވެސް އެންމެ ހަރަދުކޮށްގެން އުފައްދާ ފިލްމެވެ. މި ފިލްމަކީ 410 ކްރޯޑް ރުޕީސް (51.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފައްދާފައިވާ ވަރުގަދަ ފިލްމެެކެވެ.
އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން އަދި ނާގުރްޖުނާ އަކިނޭނީ އެވެ. މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ހެދި އެންމެ އަގުބޮޑު ފިލްމު ވެސް މެއެވެ. ފިލްމު އެކި ބައިބަޔަށް ބަހާލައިގެން ގެނެސްދޭއިރު މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ކަމަށް ހަބަރުތައް ބުނެއެވެ.