ފުޓުބޯޅަ ދަނޑުގައި އިތުބާރު ހިފޭ މޮޅު ކުޅުންތެރިއެއް، އެހާމެ ހުނަރުވެރި ރާޅާ އެޅުންތެރިއެއް، މަސް ހިފުމާއި ބޯވާ ނަގަން ދިއުމަށް މަރުދެމުން އައި ޒުވާނެއް، ރައްޓެހިންގެ ނަޒަރުގައި "ޖަވާހިރެއް" އެވެ. ބަލިމީހުންނަށް އެހާމެ އޯގާތެރި އަދި މޫދާއި ފުޓުބޯޅައަކީ އޭނާގެ ނޭވާ ފަދައިން ދެކެމުންއައި ރ. އުނގޫފާރު، އުމުރުން 25 އަހަރުގެ އަލީ މިމްރާހް (މިކީ) ގެ ކުއްލި ވަކިވުމަކީ އެތައް ބަޔަކަށް ހުއްޓުން ގެނުވި ކަމެކެވެ. މިކީ ނިޔާވި ހަބަރާއެކު މުޅި އުނގޫފާރަށް ފުން ހިތާމައެއް ލިބިފައި ވާއިރު އޭނާ މަސައްކަތް ކުރަމުން އައި، އެ ރަށު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ސިހުން ގެނުވާފައެވެ.

މިކީ ނިޔާވިއިރު އޭނާ ހުރީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކްލިނިކަލް އެސިސްޓެންޓެއްގެ މަގާމުގައެވެ.

މިހާރު ރ. އަތޮޅުގައި ކުޅެމުން އަންނަ އެމްޓީސީސީ ނޯތު ލީގު 2022 ގައި، އުނގޫފާރު އެފްސީގެ ޓީމުގައި މިކީ ހިމެނޭއިރު އޭނާގެ ބައްޕަ މުހައްމަދު ޝަރީފް އަކީ އެ ޓީމުގެ އޮފިޝަލެކެވެ. މޫދަށް ގޮސް އުޅުމުގެ ތެރޭގައި މިދިޔަ ހޯމަ ދުވަހު މިކީ ނިޔާވި އިރު އޭނާގެ ވަކިވުމަކީ އުނގޫފާރު އެފްސީއަށް ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ލިބުނު ކަމަކަށް ވަނީ ވެފައެވެ.

މިކީ ނިޔާވި ދުވަސް

މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި "ދަ ޕްރެސް" އާ ވާހަކަދައްކަމުން މިކީގެ ވަރަށް ގާތް ރަހުމަތްތެރިއަކު ބުނީ މަހަށް ދިއުމަށް ފަސް މީހުންނާއެކު ޑިންގީގައި ފުރީ އެ ދުވަހު ގާތްގަނޑަކަށް މެންދުރުފަހު 2:30 ހާއިރު އިފުރަށް ޑިއުޓީއަށް ދާން ޖެހޭ މީހަކު އެރަށަށްލާށާއެކު ކަމަށެވެ. އެ ދަތުރު މަތީވެސް ކުޅެމުންދާ މެޗުތަކުގެ ވާހަކަ މިކީ ދެއްކި ކަމަށް އޭނާގެ އެހެން ރަހުމަތްތެރިޔަކު ވަނީ ބުނެފައެވެ. މަސް ހިފަން ދިޔައީ އުނގޫފާރު ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ރ. އުނގުލާއި އުނގޫފާރާއި ދޭތެރޭގައި އޮންނަ ތަނަކަށް ކަމަށާއި ޑިންގީ ދުއްވަން އިން މީހާ މަޑުކުރުމަށް ފަހު ތިން މީހުން ބޭލި ކަމަށް އޭނާ ބުންޏެވެ.

ފީނަން ގޮސް އުޅުމުގެ ތެރޭގައި ނިޔާވި އަލީ މިމްރާހް

އެ މީހުން މަސް ހިފަނީ ބަޑި ޖަހައިގެން ކަމަށާއި މަސް ހިފަން ދިޔައީ ހަވީރު މިކީގެ ޕްރެކްޓިސް އޮންނާތީ އަވަހަށް އަންނަން ކަމަށް އެ ރަހުމަތްތެރިޔާ ކިޔައިދިނެވެ. މިކީގެ އިތުރުން މަސް ހިފަން ފޭބި ދެ މީހުން ޑިންގީއަށް އަރާ ދުއްވަން އިން މީހާ ގާތުން މިކީ ކޮބާތޯ ސުވާލުކުރި ކަމަށާއި އޭނާ ނާންނަ ކަމަށް ބުނެފައިވާ ކަމަށް އެ މީހުންނާ ހަވާލާދީ ރަހުމަތްތެރިޔާ ވަނީ ކިޔައިދީފައެވެ. އަދި މަހަށް ގޮސްއުޅުނު މީހުން މިކީ ހޯދަން ކުރި މަސައްކަތުން ގާތްގަނޑަކަށް 7 މީޓަރު އަޑިން މިކީ ފެނިގެން ނެގިއިރުވެސް އެއްވެސް ކަހަލަ ހަރަކާތެއް ނެތް ކަމަށް އެ މީހުންނާ ހަވާލާ ދީ ރަހުމަތްތެރިޔާ ވަނީ ކިޔައިދީފައެވެ.

ރަހުމަތްތެރިޔާ ބުނީ ރަށަށް އެ މީހުން ދަމުން އެންބިއުލާންސް އަށް ގުޅި ނަމަވެސް އެ ވަގުތަށް ނުދެވުމުން މިކީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގައި ކަމަށާއި އޭރު ގަޑިން 4 ޖަހަން ކައިރިވެފައި ވާނެ ކަމަށެވެ. ހޮސްޕިޓަލަށް ގެންގޮސް އޭރުން ފެށިގެން ސީޕީއާރް ދިން ނަމަވެސް އެއްވެސް ކަހަލަ ކުރި އެރުމެއް ލިބިފައި ނުވާއިރު ގާތްގަނޑަކަށް 5:05 ހާއިރު މިކީ ނިޔާވި ކަމަށް ވަނީ ނިންމާފައެވެ.

ރަހުމަތްތެރިޔާ ބުނީ މިކީ ނިޔާވި ސަބަބު ނޭނގޭ ކަމަށާއި އެ ވަގުތު ކަން ހިނގާ ދިޔަ ގޮތް އެނގޭނެ ހަމައެކަނި މީހަކީ މިކީ ކަމަށެވެ.

"އެ ގަޑީގަ މިކީ އެކަނި އުޅުނީ އެ ގަޑީގަ އެ ވީ ގޮތެއް އެނގޭނީ އޭނައަށް. ޑިންގީގަ ދިޔަ މީހުންނަކަށްވެސް ނޭނގެ އެ ވީ ގޮތެއް އަޑީގަ އޮއްވާ ފެނުނީ"
ރަހުމަތްތެރިޔާ

ރައްޓެހިންގެ ނަޒަރުގައި މިކީ

ރައްޓެހިންގެ ނަޒަރުގައި މިކީއަކީ ދެވަނައެއް ނެތް ރަހުމަތްތެރިއަކަށް ވާއިރު އޭނާގެ ރަހުމަތްތެރިޔާ ބުނީ މިކީ އެއްވެސް މީހަކަށް ތަފާތު ނުކުރާނެ ކަމަށާއި ކޮންމެ މީހެއްގެ ވާހަކަވެސް އޭނާ އަހާ އޭނާ އަށް ފެންނަ ގޮތްވެސް ބުނާނެ ކަމަށެވެ. އެހެންނަމަވެސް މިކީއަށް ފެންނަ ގޮތް ބުނާނީ ދެން ތިބޭ މީހުންގެ ހިތަށް އެއްޗެއް އަރާފާނެތީ އޭނާއާ މެދު ހިތް ބުރަ ކަމެއް ނޯންނާނެހާ ރީއްޗަށް ކަމަށްވެސް ބުންޏެވެ.

މިކީ އޭނާގެ ރަހުމަތްތެރިންނާއެކު
"އެނގޭނެ މިކީ ވާހަކަ ދައްކާއިރުވެސް އޭނައާ މެދު އެއްވެސް މީހަކު ހިތްބުރަ ކަމެއް ނޯންނަ ގޮތަށް ވާހަކަދައްކަން މަސައްކަތް ކުރާނީ. ވާހަކައިގެ ދޭތެރެއިން ބުނާނެ ދެން އަންނަ މީހާ ރުޅި ނާންނަ އަންޑަސްޓޭންޑްވާ ކަހަލަ ވާހަކައެއް. ތިމަންނަ މިހެން ވަކި ފަޅިއަކަށް ޖެހެނީކީއެއް ނޫނޭ. ތިމަންނަ ދެކޭ ގޮތޭ. އޭނަ ބޭނުމެއް ނުވާނެ އޭނަ ދެކެ މީހަކު ރުޅިއައިސްފައި ހުންނާކަށް"
ރަހުމަތްތެރިޔާ

މިކީއަކީ ވަރަށް ހިތްހެޔޮ އަދި އެންމެންނާވެސް ގުޅޭ ސަކަ މިޒާޖެއްގެ ޒުވާނެކެވެ. ރަހުމަތްތެރިން ބުނާ ގޮތުގައި އޭނާ ދުވަހަކުވެސް ރުޅިއައިސްފައި ހުއްޓަ ނުފެންނަ ކަމަށާއި ރައްޓެހިންގެ ކަންކަމުގައި މިކީގެ "ޖޯޝެއް" ހުންނަ ކަމަށެވެ.

ފުޓްބޯޅަ ދަނޑުގައި މިކީ

އެންމެ ކުޑައިރުން ފެށިގެން ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ މިކީއަކީ ފުޓުބޯޅައިގައި އުފެދޭ ވާދަވެރިކަމާއެކު އުފެދޭ ދެބަސް ވުމުގައި ވަރަށް އަހުލާގު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި އޭނައާއެކު ފުޓުބޯޅަ ކުޅޭ މީހުން ފާހަގަ ކުރެއެވެ.

މިކީއަކީ އުނގޫފާރުގެ ޓީމުތަކުގެ އިތުރުން ކައިރި ރަށް ރަށުގެ ފުޓުބޯޅަ މެޗުތަކުގައި ޓީމުތަކަށް ކުޅެން ގެންގޮސްފައި ހުރި ކުޅުންތެރިއެކެވެ. ފުޓުބޯޅަ ޕްރެކްޓިސްތަކަށް ލަހުން ދާ ދުވަސް ދުވަހު ސުވާލުކުރުމުން ބޯވާ ނަގަން ދިޔައީ ކަމަށް މިކީ ބުނާ ކަމަށް އޭނާގެ ރަހުމަތްތެރިޔާ ކިޔައިދިނެވެ. ބޯވާ ނަގާފައި ވެސް ޕްރެކްޓިސް އަށް އޭނާ ދާނެ ކަމަށް އެ ރަހުމަތްތެރިޔާ ވަނީ ކިޔައިދީފައެވެ.

އެމްޓީސީސީ ނޯތް ލީގު 2022 ގެ މެޗެއްގައި މިކީ/ ފޮޓޯ: އުނގޫފާރު އެފްސީ

މިހާރު ކުރިއަށްދާ މުބާރާތުގައި އުނގޫފާރު އެފްސީއިން ކުޅުނު ދެ މެޗުގައިވެސް މިކީގެ ކުޅުން ފެނިގެން ދިޔަ ނަމަވެސް އެންމެ ފަހުން އޭނާ ގޯލް ޖަހާފައި ވަނީ އުނގޫފާރު އެފްސީއާއި އޭދަފުށި ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައެވެ. ފޯވާޑަށާއި ސައިޑް ވިންގަށް ކުޅޭ މިކީއަކީ ފުޓުބޯޅަ ކުޅުމަށް މޮޅު އަދި ތަފާތު ކުޅުންތެރިއެކެވެ. ފުޓްސަލްގައިވެސް ވަރަށް ހިތްވަރުކުރާ، އަބަދުވެސް ވަރަށް މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ރަހުމަތްތެރިޔާ ފާހަގަ ކުރެއެވެ.

މޫދަށް ހުންނަ ލޯތްބާއެކު ރާޅާ އެޅުމަކީވެސް މިކީ ވަރަށް ގަޔާވެގެން ކޮށް އުޅޭ ކަމަކެވެ. ރަހުމަތްތެރިޔާ ބުނީ ރާޅު ރަނގަޅަށް ނަގާތޯ ބަލަން ރާޅު ނަގާ ސަރަހައްދަށް މިކީ ދާ ކަމަށާއި ބަލާފައި މަޅު ހިފައިގެން ރާޅަށްވެސް ދާނެ ކަމަށެވެ. އަދި ޑިއުޓީގައި އުޅޭއިރު ވެސް ލިބޭ ހުސް ވަގުތުއި މަހަށް ބަޑި ޖަހާ ވީޑިއޯ ބަލާ ހަދާނެ ކަމަށް ރަހުމަތްތެރިޔާ ފާހަގަ ކުރިއެވެ.

މޫދު ކަންކަމަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ މިކީ ވަރަށް ފަހުން ގޯ ޕްރޯ އަކާ، ޑައިވިން ސޫޓާ، ވަޅިއާ، ބަޑިއާ އެއްޗެހި ހަމަކޮށްފައި ވާއިރު، މިދިޔަ ހޯމަ ދުވަހުވެސް މިކީ ދިޔައީ ގޯ ޕްރޯ ހިފައިގެންނެވެ.

މިކީ

މިކީ ވަކިވެ ދިޔުން ގިނަ ބަޔަކަށް ސިހުން ގެނުވިއިރު އާއިލާގެ އިތުރުން އެކަމުގެ އެންމެ ހިތްދަތި ކަމެއް ލިބޭނެ އެއް ބަޔަކީ ފުޓުބޯޅަ އާއިލާއާއި މޫދަށް ގޮސް އުޅުނު ރަހުމަތްތެރިންނެވެ. އެކުގައި އުޅުނު އުނގޫފާރު ހޮސްޕިޓަލްގެ މުވައްޒަފުންނަށް މިކީ މަތިން އަބަދުހެން ހަނދާންވާނެ އިރު ލޮލުގެ ޑޮކްޓަރު ފަރުވާދޭ ކޮޓަރިން އާންމުކޮށް ފެންނަ އޯގާތެރި މިކީ ނުފެނުމަކީ ބަލި މީހުންނަށްވެސް ލިބޭނެ ހިތްދަތި ކަމެކެވެ.

މީގެ އިތުރުން އުނގޫފާރުގައި އެކުގައި އުޅޭ ރަހުމަތްތެރިންގެ "އޮރި" ޓީމުގެ މެންބަރެއްގެ ގޮތުގައި މިކީ ހިމެނޭއިރު އޭނާއާ އެންމެ އެކުގައި އުޅޭ ބަޔަކަށް އެ ޓީމުގެ މީހުން ވާނެއެވެ. އެ ޓީމުގެ ކޮންމެ މެންބަރަކަށްވެސް މިކީ ވަކިވުމަކީ ވަރަށް ހިތްދަތި އަދި ގަބޫލުކުރަންވެސް ދަތިވާނެ ކަމެކެވެ.

މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!.