ބޮލީވުޑް ފިލްމުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ފިލްމްފެއާ އެވޯޑްސްގެ މިއަހަރުގެ އެންމެ މޮޅު ފިލްމަކަށް "ޝޭރްޝާހް" ހޮވިއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި 67 ހަތް ވަނަ ފިލްމުފެއާ އެވޯޑް ހަފްލާގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ޝޭރްޝާހް ހޯދީ "ސަރުދާރު އުދަމް"، "ރަޝްމީ ރޮކެޓް" އަދި "ރާމްޕްރަސާދު ކީ ތެހެރްވީ" އާއި ވާދަކޮށްގެންނެވެ. މި އެވޯޑް ހަފްލާގައި މި ފިލްމަށް ވަނީ ޖުމްލަ ހަތް އެވޯޑު ލިބިފައެވެ. އެއީ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު، އެންމެ މޮޅު މިއުޒިކް އަލްބަމްގެ އެވޯޑު، އެންމެ މޮޅު އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑު، ބެސްޓް އެކްޝަން އަދި އެންމެ މޮޅު އެޑިޓިންގެ އެވޯޑު ހާސިލްކޮށްފައެވެ.

މި އަހަރުގެ ފިލްމުފެއާ އެވޯޑުގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިގެންދިޔައީ ފިލްމު "މިމީ" އިން ބަތަލާ ކްރިތީ ސެނަން އަށެވެ. އަދި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ "83" އިން ރަންވީރު ސިންހް އަށެވެ. ކްރިޓީކުންގެ އެންމެ މޮޅު އެކްޓަރުގެ މަގާމް "ސަރުދާރު އުދަމް" އިން ވިކީ ކޯޝަލް އަށް ލިބުނު އިރު އެންމެ މޮޅު ބަތަލާގެ އެވޯޑު ވިދްޔާ ބާލަން އަށް ލިބުނީ ފިލްމު "ޝޭރްނީ" އިންނެވެ.

ފިލްމުފެއާ އެވޯޑްސްގެ ގިނަ އެވޯޑުތަކެއް ފިލްމު "ޝޭރްޝާހް" އިން އުފުލާލިއިރު މި ފިލްމާ އެންމެ ގާތުން ވާދަކުރީ ވިކީ ކޯޝަލްގެ "ސަރުދާރު އުދަމް" އެވެ. އެ ފިލްމަށް ވަނީ ޖުމްލަ ހަ އެވޯޑު ލިބިފައެވެ. ފިލްމު "ޝޭރްޝާހް" އަކީ ކުޅަދާނަ އެކްޓަރު ސިދާތު މަލްހަތްރާ އާއި ބަތަލާ ކިއާރާ އަދުވާނީ ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމުވެސްމެއެވެ. ފިލްމުގައި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ވަނީ ކަމުގޮއްސައެވެ.