މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގައި ބުރު ސްޕޯޓްސް ކްލަބާއި ކްލަބް ޓީނާޖު ބައްދަލު ކުރި މެޗް ނިމެން އުޅެނިކޮށް ރެފްރީގެ ނިންމުމެއް ކަމުނުގޮސްގެން ރެފްރީ ފަހާ ދުވެ ހަމަނުޖެހުން ހިންގައިފިއެވެ. އަދި މި މައްސަލަ ހޫނުވެގެން ދިޔަ ނަމަވެސް، މިއަދުގެ މެޗާ ގުޅޭ ގޮތުން އެފްއޭއެމްގެ ނިންމުން އައި ގޮތުން، ބުރު ވަނީ އެއްވަނަ ޑިވިޝަނަށް ގޮސްފައެވެ.
މިއަދު ހަމަނުޖެހުން ހިނގީ އެންމެ ފަހު 3 މިނެޓުގެ ތެރޭގައި ޓީނޭޖުގެ އޮފިޝަލަކު މެޗުގެ ރެފްރީއާ ދިމާކޮށް ހަމަލާ ދޭން މަސައްކަތް ކުރުމުން ކަމަށް އެފްއޭއެމުން ބުނެއެވެ. އެއާއެކު މެޗު ހުއްޓާލައި މުބާރާތުގެ އިމަޖެންސީ ކޮމިޓީން މައްސަލަ ބަލައި ނިންމި ގޮތާ ބެހޭގޮތުން އެފްއޭއެމް ނެރުނު ބަޔާނުގައި ބުނީ މެޗު ކުރިއަށް ގެންދެވޭނެ ހާލަތެއް އެވަގުތު ނެތް ކަމަށާއި މެޗް ފުރިހަމަ ނުކުރެވުނީ ޓީނޭޖުގެ އިހުމާލުން ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
މެޗުގެ ބާކީ ތިން މިނެޓް ކުޅެވޭނެ ހާލަތެއް ނެތީ ޓީނޭޖުގެ އޮފިޝަލު ރެފްރީ އަށް ހަމަލާ ދިނުމުންނާއި ރެފްރީގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ނުރުހުން ފާޅު ކުރަމުން ދާތީ ކަމަށް ރެފްރީންނާ ހަވާލާދީ އެފްއޭއެމުން ބުނެއެވެ.
އެފްއޭއެމުން އިތުރަށް ބުނީ ޓީނޭޖު މޮޅުވި ކަމަށް ނިންމީ މެޗު ހުއްޓާލި އިރު އޮތް ނަތީޖާ ކަމަށް ވާ 3-1 ލަނޑުންނެވެ. މީގެ އިތުރުން މެޗްގައި ހިނގާ ދިޔަ ޑިސިޕްލިނަރީ މައްސަލަތައް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވާ ބަލާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފު 1-1 އިން އެއްވަރު ވެ ނަތީޖާ ބަދަލު ވެގެން ދިޔައީ ދެވަނަ ހާފުގައި ބުރުގެ އަހުމަދު ރަޝީދު ޖެހި 2 ލަނޑުންނެވެ.
އަންނަ އަހަރު ދިވެހި ލީގުން ޖާގަ ހޯދުމަށް ކުޅޭ މި ރެލިގޭޝަންގައި ބުރުގެ އިތުރުން ދެން ޖާގަ ލިބޭނެ ކަމަށް ބެލެވެނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށެވެ.