ބޮލީވުޑްގެ ކާމިޔާބު އެކްޓަރުންތަކެއްގެ ދަރިން އެއްފަހަރާ ބޮލީވުޑަށް ތައާރަފްވާ ފިލްމު "ދަ އާޗީސް" އަންނަ އަހަރު ނެޓްފްލިކްސްގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޒޯޔާ އަހްތަރު ގެނެސްދޭ މި ފިލްމަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ކޮމިކް ސީރީޒް "ދަ އާޗީސް" އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ބޮލީވުޑްގެ އެކްޓަު ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން. ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރު އަދި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްޓިއާ ނަންދާ ވެސް މި ފިލްމުން ފެނިގެންދާނެއެވެ. އެއާއެކު މި ފިލްމު ވެގެންދާނީ ގިނަ އާ ފަންނާނުންތަކެއް ފެނިގެންދާ ފިލްމަށެވެ.

ޑައިރެކްޓަރު ޒޯޔާ ބުނީ މި ކޮމިކް ބުކް ގެ ކެރެކްޓާތަކަކީ ދުނިޔޭގެ އެންމެން ވެސް ދަންނަ ކެރެކްޓާތަކަކަށްވުމުން މި ކެރެކްޓާތަކަށް ފީޗާ ފިލްމެއް ހެދުމަކީ ބޮޑު ޗެލެންޖެއް ކަމަށާއި އެ ކެރެކްޓާތައް އެންމެ ފުރިހަމަ ގޮތެއްގައި އާންމުންނާ ހަމައަށް ޑެލިވާކޮށްދޭން ބުރަ މަސައްކަތްކޮށްފައި ހުންނާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި މި ފިލްމު ބަލައިގަތުމަކީ އޭނާގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

ޓައިގަ ބޭބީ އާއި ނެޓްފްލިކްސްއާ ގުޅިގެން އުފައްދާ މި ފިލްމު އަންނަ އަހަރު ރިލީޒްކުރާނެ ކަން އިއުލާންކުރި ނަމަވެސް ފިލްމު ރިލީޒްކުރާ ތާރީޚެއް އަދި އިއުލާންކޮށްފައެއްނުވެއެވެ.

މީގެ ފަސް ވަރަކަށް އަހަރުކުރިންވެސް ޝާހްރުކްގެ ދަރިފުޅު ބޮލީވުޑަށް ތައާރަފްވާ އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އޭރު ޝާހްރުކް ވަނީ އެކަން ދޮގުކޮށްފައެވެ. އެއާއެކު އެ ވާހަކަ ދެއްކުން މަޑުޖެހިލީއެވެ. އޭރު ޝާހު ބުނީ ދަރިފުޅު ކިޔަވަނީ ގްރޭޑް 11 ގައި ކަމަށާއި އޭނާ ކިޔަވަން ބާކީ ފަސް ވަރަކަށް އަހަރު އެބޮތްކަމަށެވެ. އޭރު ޝާހް ބުނީ ސުހާނާ ބޭރަށް ނެރެ، އިވެންޓުތަކުގައި ބައިވެރި ކުރަނީ އޭނާ އެކްޓަރަކަށް ހަދަން ނޫން ކަމަށާއި، އެއްވެސް ދާއިރާ އަކުން ކުރިއަށް ދެވޭނީ ކިޔަވާ ނިމުމުން ކަމަށެވެ.