ސޮނީ ޓީވީ އިން ދައްކަމުން އައި ޝޯ "އިންޑިއާސް ލާފްޓާ ޗެމްޕިއަން"ގެ ޓްރޮފީ ރާޖަތް ސޫދަށް ލިބިއްޖެއެވެ.

ދިއްލީ އަށް އުފައް ރާޖަތް މި ޓްރޮފީ އުފުލާލީ ފައިނަލުގައި ނިތޭޝް ޝެޓީ، ޖޭވިޖޭ ސަޗަން، ވިގްނޭޝް ޕާންޑޭ އަދި ހިމަންޝޫ އާއި ވާދަކޮށެވެ. ރިއަލިޓީ ޝޯގެ އެއްވަނަ ރާޖަތަށް ލިބުމާއެކު އޭނާ އަށް ވަނީ ވިނާގެ ޓްރޮފީގެ އިތުރުން 25 ލައްކަ އިންޑިއަން ރުޕީސް ވެސް ލިބިފައެވެ. މި ޝޯގެ އެއްވަނަ ކޮންޓެސްޓަންޓުގެ ނަން އިއުލާންކޮށްފައިވަނީ ޝޯގެ ޖަޖުން ކަމަށްވާ އަރްޗަނާ ޕުރަން ސިންހް އާއި ޝޭކަރު ސުމަންއެވެ.

ރާޖަތަށް މި ޝޯގެ އެއްވަނަ ލިބުނު އިރު ދެވަނަ ލިބިފައިވަނީ ނިތޭޝް އަށެވެ. އަދި ތިން ވަނަ ލިބުނީ ޖޭވިޖޭއަށެވެ. ރާޖަތަކީ މި ޝޯ ފެށުނީއްސުރެ ފައިނަލާ ހަމައަށް ދިޔައިރު ވެސް ގިނަ ބައެއްގެ ފޭވަރިޓެކެވެ. އޭނާ ކިޔާ ޅެންތައް ވެސް އެކްޝަނާ އެއްކޮށް ކިޔާއިރު ޕޮއެޓްރީ އަށް އޭނާ ދިން ނަމަކީ ޕޮމެޑީއެވެ.

އޭނާ ބުނީ އޭނާގެ ނަން އިއުލާންކުރުމާއެކު ގަބޫލުކުރަން ކުޑަ ވަގުތުކޮޅެއް ނެގި ކަމަށެވެ. ޝޯ ފެށުނީއްސުރެ ސިކުނޑިތެރޭ އޭނާއަށް އެއްވަނަ ލިބިގެން ނަން އިއުލާންކުރާ ތަނުގެ މަންޒަރު އޭނާ އެކި ގޮތްގޮތަށް ސިފަކުރި ކަމަށާއި ނަމަވެސް އަސްލު އެއްވަނަ ލިބިގެން ނަން އިއުލާންކުރުމާއި ސިފަކުރުންތަކާ މުޅިން ހިލާފުކަމަށެވެ. ރާޖަތް ބުނީ ހަޔާތުގައި ފުރަތަމަ ފަހަރަށް ލައިވްކޮށް އޭނާގެ މައިންބަފައިން ކުރިމަތީ ޕާފޯމްކުރުމުން މި ޝޯ އޭނާއަށް ވަރަށް ހާއްސަކަމަށެވެ.

"އަހަރެންގެ ނަން އިއުލާން ކުރުމާއެކު މަންމަ އާއި ބައްޕަގެ މޫނުމަތިން ފެނުނު އުފާވެރިކަން. އުފާވެރިކަމުގެ ކަރުނަ އައި. ވަރަށް ޕްރައުޑް މޯމެންޓެއް އެއީ،" ސޫދު ބުނެފައި ވެއެވެ.