ފިލްމުމޭކާ ކަރަން ޖޯހަރު ގެނެސްދޭ ޝޯ "ކޮފީ ވިތް ކަރަން"ގައި މި ހަފްތާގައި ބައިވެރިވާ މެހެމާނުން ހާމަކޮށްފިއެވެ.
ކޮފީ ވިތް ކަރަންގެ ހަތްވަނަ ސީޒަން މިހާރު ފެށިގެން ކުރިއަށްދާއިރު މި ހަފްތާގައި އެ ޝޯގައި ކަރަން އާއެކު ބައިވެރި ވާނީ ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ޓައިގާ ޝްރޮފް އާއި ކްރިތީ ސެނަން އެވެ. މި ދެތަރިންނަކީ އެއްކޮށް ބޮލީވުޑަށް ނުކުތް ދެތަރިންނެވެ. އެއީ 2014 ވަނަ އަހަރު ނުކުތް ފިލްމު "ހީރޯޕަންތީ" އިންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ މި އެޕިސޯޑުގެ ޓީޒާ ޓްރެއިލާ އެއް މިހާރު ވަނީ އާންމުކޮށްފައެވެ. އެ ޓްރެއިލާގައި ފެންނަނީ ކަރަން ދެ އެކްޓަރުންނަށް އެކި އެކި ސުވާލުކުރަމުންދާތަނެވެ. ހީރޯޕަންތީ ފިލްމުގެ ކުރިން ދިޔަ ފިލްމުތަކުގެ އޮޑިޝަނުން ނުހޮވުނީ ކީއްވެތޯ ކަރަން ވަނީ ކްރިތީ އާއި ސުވާލުކޮށްފައެވެ. ޖަވާބުގައި ކްރިތީ ބުނީ އޭނާގެ އެންމެ ފުރަތަމަ އޮޑިޝަނަކީ "ސްޓޫޑަންޓް އޮފް ދަ އިޔާ" ކަމަށެވެ. މި ފިލްމަކީ ކަރަން ޖޯހަރުގެ ފިލްމެކެވެ.
ދުވަހަކުވެސް ޓައިގާ އާއި ޑޭޓް ކުރާނަންތޯ ކްރިތީ ގާތު ކަރަން ސުވާލުކުރުމުން ކްރިތީ ބުނީ އޭނާ ޓައިގާ އާއި ޑޭޓް ނުކުރާނެ ކަމަށާއި ސަަބަބަކީ އޭނާ މާގިނައިން ފްލިޕް އަޅާތީ ކަމަށެވެ.
ހެއްވާ މަޖާ ކަންތައްތަކެއް އެކުލެވޭ މި ޝޯގައި އެކްޓަރުންގެ ކެރިއަރާ ގުޅޭ ސުވާލުކޮށް އެކްޓަރުންގެ ދިރިއުޅުމާއި ގުޅޭގޮތުންވެސް ކަރަން ސުވާލުކުރެއެވެ. އަދި މި ޝޯގައި އެކި ކަހަލަ ގޭމްތައް ކުޅެ މޮޅުވާ މީހަކަށް އަގުބޮޑެތި ހަދިޔާތަކެއް ކަރަން ދޫކުރެއެވެ.
މިހާތަށް މި ޝޯ އިން ފެނިގެންދިޔަ ތަރިންނަކީ ވިކީ ކޯޝަލް، ސިދާތު މަލްހަތްރާ، އަރުޖުން ކަޕޫރު، ސޯނަމް ކަޕޫރު، ކަރީނާ ކަޕޫރު ޚާން، އާމިރު ޚާން، އަނަންޔާ ޕާންޑޭ، ވިޖޭ ދެވަރަކޮންޑާ، ސާރާ އަލީ ޚާން، ޖާންވީ ކަޕޫރު، އަކްޝޭ ކުމާރު، ސަމަންތާ ރުތް ޕްރަބޫ، އާލިއާ ބަޓް، ރަންވީރު ސިންހް، ކިއާރާ އަދުވާނީ އަދި ޝާހިދު ކަޕޫރެވެ.