އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެނިގެންދާ ކަމަށް ފުލުހުންގެ ބަޔާނުގައި އިއުތިރާފުވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި ދައްކާފައި ހުރި ވާހަކަތައް ލީކްވެއްޖެއެވެ.

އެ ބަޔާން ލީކުވެފައި ވަނީ އަލަމްގިރިގެ މައްޗަށް ކޮށްފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާގެ ޝަަރީއަތް މާދަމާ 4 ޖަހާއިރު ފެށުމަށް ތާވަލް ކޮށްފައި ވަނިކޮށެވެ. މާދަމާ ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް ފަށަން ނިންމާފައި ވާއިރު އެ އަޑުއެހުން ވަނީ ސިއްރު ކޮށްފައެވެ.

އެ މައްސަލާގައި މިދިޔަ ޖުލައި މަހު 12 ވަނަ ދުވަހު އަލަމްގިރި ހައްޔަރު ކޮށްފައި ވާއިރު ދައުވާ ކޮށްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

އަލަމްގިރި ފުލުހުންގެ ތަހުގީގަށް ދީފައި ވާ ކަމަށް ބުނާ ބަޔާނުގައި އޭނާ އެ އަމަލު ހިންގި ގޮތުގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވާއިރު އެ ބަޔާނުގައި ބުނެފައި ވަނީ އޭނާގެ އުމުރުން ހަތް އަހަރުގައި، އުފަން ރަށް ބަންގްލަދޭޝްގައި އުޅެނިކޮށް ފިރިހެނަކު ގަދަކަމުން އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށާއި އެ ވާހަކަ އެއްވެސް މީހަކަށް ކިޔައިދީފައި ނުވާނެ ކަމަށެވެ. އަދި ރަސްމީ އެއްވެސް އިދާރާއަކުން މައްސަލަ ބަލާފައި ނުވާ ކަމަށް އޭގައި އޭނާ ބުނެފައެވެ.

އޭގެ ފަހުން އުމުރުން 10 އަހަރުން ފެށިގެން އެގައުމުގައި ތިބި އޭނާގެ ރައްޓެހިންނާއެކު އެއްޖިންސުން ގުޅުން ހިންގަމުން ދިޔަ ކަމަށާއި އަދި އެކަމުގެ ތެރޭގައި ރައްޓެއްސެއްގެ ފަރާތުން "ގްރައިންޑާ" އެޕްލިކޭޝަން އެނގި، ފޯނަށް އަޅާ އެ އެޕްލިކޭޝަން މެދުވެރިކޮށް އެއްޖިންސުން ގުޅުން ހިންގާ މީހުންނާ ޗެޓްކޮށް އެމީހުންނާ ބައްދަލުކޮށް އެމީހުންނާއެކު އެއްޖިންސުން ގުޅުން ހިންގަމުން ދިޔަ ކަމަށްވެސް ބުނެއެވެ.

އަލަމްގިރް ބުނެފައި ވަނީ އޭނާ ރާއްޖެ އައިސްފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބަންގްލަދޭޝްގައި ހުރި ބްރޯކަރެއް މެދުވެރިކޮށް ވެއިޓަރެއްގެ ގޮތުގައި ކަމަށާއި އޭރު އެކި ތަންތަނުގައި މަސައްކަތް ކުރަމުން ވެސް ގިނަ ބަޔަކާ އެކީ ޖިންސީ ގުޅުން ހިންގާ ކަމަށެވެ.

ލެމަންގްރާސްގައި އެއް އަހަރު ވަންދެން މަސައްކަތް ކުރުމަށް ފަހު "މާވަހަރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގައި މަސައްކަތް ކުރުމަށް ފަހު އޭނާ ވީޑިއޯތަކުން އެ ފެންނަ ގޭގައި މަސައްކަތް ކުރަން ބަދަލުވި ކަމަށް އަލަމްގިރި ބުންޏެވެ.

އެ ބަޔާނުގައި އަލަމްގިރި ބުނެފައި ވަނީ އޭނާ އެއްޖިންސުން ގުޅުން ހިންގީ ފައިސާއަކަށް ނޫން ކަމަށާއި އެހެންނަމަވެސް އެކަން ކުރުމުން ބައެއްފަހަރު ލިބޭ ފައިސާ ބަންގްލަދޭޝްގައި ހުރި އޭނާގެ ބައްޕައަށް ފޮނުވާފައިވާ ވާނެ ކަމަށެވެ. އަދި އެ ފައިސާ އިން ސަމްސަން ނޯޓް 10 މޯބައިލް ފޯނެއްވެސް ގަންކަމަށް އޭނާ ބުެނެއެވެ.

އަލަމްގިރި ބުނެފައި ވަނީ އޭނާ 45 އާއި 50 އާ ދެމެދުގެ އަދަދުއްގެ މީހުންގެ ވީޑިއޯ ރިކޯޑުކޮށްފައި ވާއިރު އެކަން ކުރީ ބްލެކްމެއިލް ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި ފަހުން އެ ވީޑިއޯތައް ބަލާ ހިތްހަމަ ޖެއްސުމަށް ކަމަށެވެ. އެ މީހުންގެ ތެރޭގައި ރާއްޖޭގެ މީހުންގެ އިތުރުން ސްރީލަންކާ މީހުންނާއި ބަންގްލަދޭޝް މީހުން ހިމެނޭ ކަމަށާއި އެ ވީޑިއޯތައް ބެލުމަށް ފަހު ޑިލީޓްކުރާ ކަމަށް އަލަމްގިރި ބުނެފައި ވެއެވެ.

އަލަމްގިރި އުޅެމުން ދިޔަ ގެއިން އެ ގޭ މީހުންނާއެކު އެހެން ގެއަކަށް ބަދަލުވި ކަމަށާއި އެއަށް ފަހު ހުޅުމާލެ ފްލެޓަކަށް ބަދަލުވި ވާހަކަވެސް ބުނެފައިވީ ނަމަވެސް އެއިން އެއްވެސް ތަނެއްގެ ނަމެއް ނޭނގޭ ކަމަށް އޭނާ ބުނެއެވެ. އަދި ވީޑިއޯ ކުރަން ބޭނުން ކުރި ފޯނު އޮންނާނީ ދަބަހެއްގައި ކަމަށާއި އެ ފޯނު ނެތްކަން އެނގެނީވެސް ނާޒިމްގެ ވީޑިއޯ ލީކުވި ފަހުން ބެލުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރި އަބްދުއް ރަހުމާން ރަފީއުއާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމުގެ ވާހަކަތައް ތަފްސީލުކޮށް ކިޔައިދީފައި ވާއިރު ނަަން އެނގޭ އިތުރު ބައެއްގެ ލިސްޓެއްވެސް ވަނީ ކިޔައި ދީފައެވެ. އަދި ނާޒިމް ދީފައިވާ ހަދިޔާ އާއި ފައިސާގެ އިތުރުން ނަޝީދު ދިން 3000 ރުފިޔާގެ ވާހަކަވެސް އަލަންގިރި ވަނީ ދައްކާފައެވެ.

މީގެ އިތުރުން އޭނާއާއި އެކީ އެއްޖިންސުން ގުޅުން ހިންގި މީހުން ފައިސާގެ ގޮތުގައި 100 ޑޮލަރާއި 200 ޑޮލަރާއި 500 ރުފިޔާއާއި 1000 ރުފިޔާ ވެސް އޭނާއަށް ދީފައިވާ ކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފައެވެ.

އެ ބަޔާނުގައި ސުވާލު އުފެދޭ ކަންކަން ހުރިއިރު އެއްޖިންސުން ގުޅުން ހިންގައި މަންޒަރު ފެންނަ ވީޑިއޯ ޑިލީޓް ކޮށްލައިފާ ވަނިކޮށް ވަގަށް ނަގާ އެ ރިކަވާ ކުރަން ބަޔަކު އުޅުނީ ކީއްވެތޯ ސުވާލު އުފެދެއެވެ. އަދި އެއް ގެއިން އަނެއް ގެއަށް ބަދަލުވާއިރު އާއި އެ ބަދަލުވާ ގެއަކަށް ވަދެ ނުކުމެ ހެދޭ އިރު އެ ގޭގޭގެ ނަމެެއް، އެއްޗެއް އޭނާއަށް ނޭނގި ހުރެދާނެތޯވެސް ސުވާލު އުފެދެއެެވެ. ހަމަ އެއާއެކު އޭނާ ނަޝީދު ބުނެގެން ހުޅުމާލޭގައި ހުންނަ ގެސްޓްހައުސް އަކަށް ދިޔަކަމަށް އޮތް އިރު ދެވޭތަނެއް ނޭނގި ގޮސްދާނެތޯވެސް ސުވާލު އުފެދެއެވެ.

އަލަމްގިރިއާއެކު ބަޔަކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެެއް ދައުރުވެފައި ވާއިރު އޭގެތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އޭގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުއާއެކު އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.

އެ މައްސަލާގައި އެ ތިން މީހުންވެސް ހައްޔަރުކުރި ނަމަވެސް އަލަމްގިރި ނޫން ދެން ތިބި ތިން މީހުން ދޫކޮށްލާފައި ވަނީ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އެންމެ ފަހުން ދިން މުއްދަތު ހަމަވުމުންނެވެ. އެހެންނަމަވެސް މި މަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އޮތް ފޮޓޮއަކާއި ރާއްޖެޓީވީގައި ކުރި މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ނަސީރު އިބްރާހިމް ކަމަށް ތުހުމަތުކުރާ މީހެއްގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ ލީކްވެފައެވެ.