ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓައު އާމިރު ހާން ފިލްމީ މަސައްކަތްތަކުން ދެ މަސް ދުވަހުގެ ބްރޭކެއް ނަގަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި މަހު އެޅުވި އޭނާގެ ފިލްމު "ލާލް ސިންހް ޗައްޑާ" އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން އާމިރު ވަނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ފިލްމުގެ ޕްރޮމޯޝަން ފެށި ހިސާބުންވެސް އެ ފިލްމު ބޮއިކޮޓްކުރަން އާންމުންގެ ބައެއް މީހުން ގޮވަމުން ދިޔައިރު އާމިރު އާދޭސްކުރަމުން ދިޔައީ ފިލްމު ބޮއިކޮޓް ނުކުރުމަށެވެ. ފިލްމަށް ލިބުނު ބޮޑު ނާކަމީޔާބީ އަށްފަހު އާމިރު ވަނީ "ގެއްލިފައެވެ".
އެކްޓަރު އާމިރު ދެ މަހުގެ ބްރޭކެއް ނަގަން ނިންމާފައިވާއިރު އެ ދެމަސް ދުވަސް އޭނާ ހުންނާނީ ނިއު ޔޯކްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ގައުމަށް އާމިރު ފުރާނެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އޭނާ ފުރާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެއެވެ. އާމިރުގެ ފިލްމު އިންޑިއާ ސިނަމާގައި ނުހިނގި ނަމަވެސް ބޭރުގެ މާކެޓްތަކުގައި މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
"ލާލް ސިންގް ޗައްޑާ" އަކީ ޖެހިޖެހިގެން ބޮޑުތަނުން ފްލޮޕްވި އާމިރުގެ ދެވަނަ ފިލްމެވެ. އަނެއް ފިލްމަކީ 2018 ގައި ނެރުނު "ތަގްސް އޮފް ހިންދުސްތާން" އެވެ. ބަތަލާ ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ލާލް ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ 1994 ގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
އެކްޓަރު އާމިރު ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ސްޕޯޓްސް ފިލްމަކުންނެވެ. އެ ފިލްމަކީ 2018 ގެ ކެމްޕިއޯނެސް (ޗެމްޕިއަން) އަށް ބިނާކޮށް އުފައްދަ ފިލްމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.