މިދިޔަ 500 އަހަރުގެ ތެރޭގައި ޔޫރަޕަށް ކުރިމަތިނުވާ ވަރުގެ ހަނަފަސްކަމަކާ އެ ބައްރަށް ކުރިމަތިވެފައި ވާ ކަމަށް ރިޕޯޓު ކުރަން ފަށައިފިއެވެ. ގްލޯބަލް ޑްރައުޓް އޮބްޒަވޭޓަރީން އާންމު ކުރި މައުލޫމާތަށް ބަލާއިރު، އެ ބައްރުގެ 47 ޕަސެންޓް ސަރަހައްދަކުން ފެން ހިނދި ބިންގަނޑު ވަނީ ހިކިފައެވެ. އަދި 17 ޕަސެންޓް ސަރަހައްދަކަށް ހަނަފަސްކަމުގެ އަސަރު ފޯރާ، އެ ސަރަހައްދުތަކުގެ ދަނޑު ގޮވާމުގެ ބާވަތްތައް އަނަރޫފަވެ ހަމަފަސްކަމުގެ ތޫފާނެއް އެ ބައްރުގައި ދަނީ ހިނގަމުންނެވެ.

ހަބަރުތައް ބުނާގޮތުން އަހަރު ފެށުނީއްސުރެ ޔޫރަޕްގެ ގިނަ ސަރަހައްދުތަކަށް މި ހަނަފަސްކަމުގެ ހާލަތާ ކުރިމަތިލާން ޖެހިފައި ވުމުގެ ސަބަބުން ކާބޯތަކެތި އުފައްދާ މިންވަރު މަދުވެ އިންޒާރުގެ ހަލަތެއްގައި މިހާރު އޮތް ޔޫރަޕަށް، މިހިނގާ އޮގަސްޓް މަހުގެ ކުރީކޮޅުން ފެށިގެން އިތުރަށް ގޯސްވަމުން އަންނަކަމަށާއި, ހުޅަނގު ޔޫރަޕާއި މެޑިޓެރޭނިއަން ސަރަހައްދުގައި ނޮވެމްބަރު މަހުގެ ނިޔަލަށް އާންމު ހާލަތަށް ވުރެ ހޫނުވެ, އެ ސަރަހައްދު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކައެވެ.

މިހާރު ހިނގަމުންދާ ހަނަފަސްކަމަކީ ފާއިތުވެ ދިޔަ 500 އަހަރު ތެރޭގައި އެންމެ ގޯސް ހަނަފަސް ކަމަށް ވާއިރު، ހޫނު މޫސުމުގެ ގޮވާމުގެ ބާވަތްތަކަށް ގެއްލުން ވެ، މި އަހަރު އުފެއްދޭ ދަނޑުވެރިކަމުގެ ބާވަތްތައް ވޭތުވެދިޔަ ފަސް އަހަރުގެ އެވްރެޖަށް ވުރެ 16 ޕަސެންޓް ވަނީ ދަށްވެފައެވެ. އަދި އެންމެ ގިނައިން ޔޫރަޕްގައި ކާ އެއް ބާވަތް ކަމުގައި ވާ ސޯޔާބީންސްގެ ބާވަތްތަކައި ސަންފްލާވާގެ އުފެއްދުން 15 ޕަސެންޓާއި 12 ޕަސެންޓަށް ދަށްވާނެ ކަމަށް ދިރާސާތަކުން ބުނެއެވެ.

ހަނަފަސްކަމާއެކު ކޯރުތައްވެސް ހިކެމުން އަންނަ އިރު، ބޯޓު ދަތުރުފަތުރާއި ފެނުން ކަރަންޓް އުފައްދާ ނިޒާމުތަކަކުން އުފެއްދޭ ކަރަންތްގެ މިންވަރު މިހާރުވެސް 20 ޕަސެންޓަށް ދަށްވެފައި ވުމުގެ އިތުރުން އެއްގަމު ދަތުރުފަތުރަށްވެސް ދަނީ ބުރޫ އަރަމުންނެވެ.

މީގެ އިތުރުން, ޔޫރަޕްގެ ބޮޑު ބަޔަކަށް މި ހޫނު މޫސުމުގައި, ހަފްތާތަކެއް ވަންދެން ކެތް ކުރަން އުނދަގޫވާހާ ހޫނާ ކުރިމަތިލާން ޖެހިފައި ވާ ކަމަށާއި, އެކަމުގެ ސަބަބުން, ޖަންގަލިތަކުގައި އަލިފާން ރޯވެ, ސިއްހީ އިންޒާރުތައް ދީ، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް އިތުރު ފިޔަވަޅު އެޅުމަށް މިޙާރުވެސް ވަނީ އިންޒާރު ކޮށްފައެވެ.

މި ހަނަފަސްކަމުގެ އަސަރު މިހާރު އެންމެ ބޮޑަށް ކޮށްފައި ވަނީ، އިޓަލީ، ސްޕެއިން، ޕޯޗުގަލް، ފްރާންސް، ޖަރުމަން، ނެދަލޭންޑްސް، ބެލްޖިއަމް، ލަގްޒްމްބާގް، ރޯމޭނިއާ، ހަންގޭރީ އާއި އުތުރު ސާބިއާ އާއި ޔޫކްރައިންގެ އިތުރުން މޮލްޑޯވާ، އައަލޭންޑް އަދި ޔޫކޭ އަށެވެ.

ޔޫރަޕަށް މި ހަނަފަސްކަން އައި އިރު، މިއީ ރަޝިއާ އާއި ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން، ދުނިޔޭގެ ބާޒާރުތަކަށް ގޮވާމާއި ކާނާ ނެރެވޭ މިންވަރުވެސް ދަށްވެފައި ވާ ދަނޑިވަޅެކެވެ. ތަފާސްހިސާބުތަކުން ދަްއކާ ގޮތުން، ދުނިޔޭގެ ބާޒަރަށް ނެރޭ ގޮވާމާއި ކާބޯތަކެއްޗާއި ގޭހުގެ ބޮޑު ޕަސެންޓެއް ރަޝިއާ އާއި ޔޫކްރައިން ހިއްސާ ކުރެއެވެ. ހަނަގުރާމައާ ގުޅިގެން އެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުތަކަށް ނެރެވެން އޮތް ފުރުސަތުތައް ހަނިކޮށްފައި ވާއިރު، އދ މެދުވެރިއެއްގެ ބައި އަދާކޮށް، ދާދި ފަހުން ރަޝިއާއާއި ޔޫކްރައިން އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިފެހެއްޓުމާއެކު ވަކި މިންވަރެއްގެ ގޮވާމާއި ކާބޯތަކެތި ދުނިޔޭގެ ބާޒާރަށް ނެރެވޭ ގޮތް މިހާރު ހަދާފައި ވީ ނަމަވެސް، ޔޫރަޕުން ތަހަންމަލް ކުރަމުން ދާ ހަނަފަސްކަމުގެ އަސަރު މުޅި ދުނިޔެއަށް ފޯރާނެ ކަމަށް މުރާސިލުން ބުނެއެވެ.