މަޝްހޫރު ފިލްމް މޭކާ ކަރަން ޖޯހަރު ގެނެސްދޭ ޝޯ ކޮފީ ވިތު ކަރަން ގެ ހަތް ވަނަ ސީޒަން މިހާރު ފަށައިގެން ކުރިއަށް އެބަދެއެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާއިން މި ސީޒަންގެ ހުރިހާ އެޕިސޯޑެއް ގެނެސްދޭއިރު މި ހަފްތާގައި ޝޯ އަށް އަންނަ މެހެމާނުންނަކީ ބަތަލާ ކިއާރާ އަދުވާނީ އާއި ޝާހިދު ކަޕޫރެވެ. މި އެޕިސޯޑު ދައްކާނީ ބުރާސްފަތި ދުވަހުގެ ރެއެވެ. މި އެޕިސޯޑުގެ ޓީޒާ ޓްރެއިލާއެއް މިހާރު އާންމުކޮށްފައި ވާއިރު ޓީޒާ އިން މަޖާ ކަންތައްތަކެއް ފެނިގެންދެއެވެ

މި އެޕިސޯޑުގައި ކިއާރާ އާއި ސިދާތު މަލްހޯތްރާ އާ އޮންނަ ގުޅުމުގެ ވާހަކަ ވެސް ދައްކާނެއެވެ. ޝާހިދު ކަޕޫރު ބުނީ މި އަހަރުގެ ފަހުކޮޅު އެދެތަރިން ވަރަށް ބޮޑު އިއުލާނެއް ކުރާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އެ ބޮޑު އިއުލާނަކީ ސިދާތު އާއި ކިއާރާގެ ކައިވެނީގެ ވާހަކައެވެ. ކިއާރާ އާއި ޝާހިދު މި އެޕިސޯޑަށް އެކުގައި ގެންނަން ނިންމި އެންމެ ބޮޑު ސަބަބަކީ ދެތަރިންގެ ކެމިސްޓްރީ ވަރުގަދަވެފައި ހެއްވާ މަޖާ އެޕިސޯޑަކަށް މި އެޕިސޯޑު ވެގެންދާނެތީ ކަމަށް ކަރަން ވަނީ ބުނެފައެވެ.

މި ދެތަރިންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ދެތަރިން ވަނީ މީގެ ކުރިން އެއްކޮށް ފިލްމެއް ވެސް ކުޅެފައެވެ. އެއީ "ކަބީރު ސިންހް" އެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު ކްރިޓީކުންގެ ތައުރީފް ވެސް ވަނީ ލިބިފައެވެ. އެ ފިލްމަށް ފަހު ޝާހިދު ބުނީ ކިއާރާ އަކީ އޭނާގެ ވަރަށް ގާތް ކުއްޖެއް ކަމަށާއި އަބަދުވެސް ކިއާރާ އާއެކު އޭނާ ވާނެ ކަމަށެވެ.

ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަން ފެށިގެން ކުރިއަށްދާއިރު މިހާތަށް މި ޝޯ އިން ފެނިގެންދިޔަ ތަރިންނަކީ ވިކީ ކޯޝަލް، ސިދާތު މަލްހަތްރާ، އަރުޖުން ކަޕޫރު، ސޯނަމް ކަޕޫރު، ކަރީނާ ކަޕޫރު ޚާން، އާމިރު ޚާން، އަނަންޔާ ޕާންޑޭ، ވިޖޭ ދެވަރަކޮންޑާ، ސާރާ އަލީ ޚާން، ޖާންވީ ކަޕޫރު، އަކްޝޭ ކުމާރު، ސަމަންތާ ރުތް ޕްރަބޫ، އާލިއާ ބަޓް އަދި ރަންވީރު ސިންހްއެވެ.