ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި އާލިއާ ބަޓް ހިމެނޭނެއެވެ. ބަތަލާ އާލިއާ އަކީ ބޮލީވުޑަށް ނުކުތީއްސުރެ ތަފާތު ފިލްމުތަކެއް ކުޅެ އާންމުންނާ ހަމައަށް ގެނެސްދީފައިވާ ބަތަލާ އެކެވެ.
ނަމަވެސް އާލިއާ ވެފައިވަނީ ބޮލީވުޑް ނެޕޮޓިޒަމް ގެ ޝިކާރައަކަށެވެ. އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު އާލިއާ އަށް ފާޑުކިޔަމުން ދާއިރު މިދިޔަ އަހަރު އާލިއާ ބުނީ އެފަދަ ވާހަކަތައް ދައްކާތީ މީހާގެ ސިކުނޑިއަށް ވަރަށް އަސަރުކޮށް މީހާ މެންޓަލީ ބަލިވާކަމަށެވެ. ނަމަވެސް އެންމެފަހުން އާލިއާ މިވަނީ ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް ދީފައެވެ.
"މީހުންނަށް އަހަރެން ކަމުނުދާނަމަ އަހަރެންގެ ފިލްމުތައް ނުބެލީމަވީ. އެހިސާބުން އެ ނިމުނީ. އެކަމަކު އަހަރެން އެ މީހުންނަށް ސާބިތުކޮށްދޭނަން އަހަރެންނަކީ މޮޅު އެކްޓަރެއް ކަމަށް. ނެޕޮޓިޒަމް ޕްރޮޑަކްޓެއް ނޫންކަން،" އާލިއާ ބުންޏެވެ.
ފިލްމް މޭކާ މަހޭޝް ބަޓް އާއި ބަތަލާ ސޯނީ ރާޒްދަންގެ އަންހެން ދަރިފުޅު އާލިއާ ބުނީ މީހުންގެ އަނގަތައް ބަންދުކުރެވޭނީ ފިލްމުތަކުގައި މޮޅު އެކްޓިންއެއް ދައްކުވައިދީގެން ކަމަށެވެ. އަދި އޭނާ އަކީ އަމިއްލަ މަސައްކަތުން ކުރިއަރަމުން އަންނަ އެކްޓަރެއްކަން ވެސް ސާބިތުކޮށްދޭނެ ކަމަށް އާލިއާ ވަނީ ބުނެފައެވެ. ބަތަލާ ބުނީ ސޯޝަލް މީޑިއާގެ އިތުރުން މަގުމަތީ ހިނގާފައި ދާއިރު ވެސް މީހުން އޭނާ އާ ދިމާލަށް ބުނެލާ ބަސްތަކުން އަސަރުކުރާ ކަމަށާއި ނަމަވެސް މީހުން އަނގަތަކަކީ އޭނާއަށް ހިފެހެއްޓޭނެ އެއްޗެއް ނޫންކަމަށެވެ.
ދެހާސް ބާރަ ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ވަރުން ދަވަން އާއި ސިދާތް މަލްހޯތްރާ އާއެކު ބޮލީވުޑަށް ނުކުތް އާލިއާ އަކީ މިހާރު ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިންގެ ތެރޭގައި ހިމެނޭ ބަތަލާއެކެވެ. އޭނާ ކުޅުނު "ގަންގޫބާއި" އިން ވެސް އެކަން ވަނީ ސާބިތުވެފައެވެ. ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "ޑާލިންގްސް" އިންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ ފިރިމީހާ ރަންބީރު ކަޕޫރާއެކު "ބުރައްމަސްތުރާ" އިންނެވެ.