ކެންސަރާއި ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭ ގޮތުން ފަންނީ ލަފާ ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ފަންނީ ޓީމެއް ރާއްޖެއަށް އައިސްފިއެވެ.

ހެލްތު މިނިސްޓްރީއިން ބުނީ ގައިން ގަޔަށް ނާރާ ބަލިތައް އަދި ހާއްސަކޮށް ކެންސަރު ކޮންޓްރޯލުކޮށް ދުޅަހެޔޮކަން އިތުރުކުރަން އިބްތިދާއީ ސިއްހީ ހިދުމަތުގެ ނިޒާމެއް މުހިންމު ކަމަށާއި އެ ބަލިތައް ދުރާލައި ދެނެގަނެ ރައްކާތެރިވާނެ ގޮތާއި ފަރުވާކުރުމަށް ބޭނުންވާނެ ވަސީލަތްތައް އެކަށައެޅުމުގައި ބޭނުންވާނެ މިންގަނޑުތަކާއި ފަރުވާއަށް ބޭނުންވާ ގައިޑްލައިންތައް ތައްޔާރުކުރަން ޑަބްލިއުއެޗްއޯއާ އެކު މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީއިން ބުނީ މިވަގުތު ރާއްޖެ އައިސް އުޅެނީ ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ އޮފީހާއި ސަރަހައްދީ އޮފީހާއި މައި މަރުކަޒުގެ އިތުރުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އާއި އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އިން ކެންސާ (އައިއޭއާރްސީ)ގެ މާހިރުންގެ ޓީމެއް ކަމަށެވެ.

އެ ޓީމުން މި މަހުގެ 21 އިން 25 އަށް ކުރާ ދަތުރުގައި ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކާއި ކެންސަރު ފަރުވާދޭ ހޮސްޕިޓަލުތަކުގެ އޮފިޝަލުންނާއި މަޝްވަރާކުރާނެ ކަމަށާއި ރަށްރަށުގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ވެސް ޒިޔާރަތްކުރާނެ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެއެވެ. ރާއްޖޭގައި ކެންސަރު ކޮންޓްރޯލު ކުރުމާއި ކެންސަރަށް ފަރުވާ ކުރުމާއި ކެންސަރު ބަލީގެ މީހުން ބަލަހައްޓާ ގޮތާއި ދެވޭ ހިދުމަތްތައް ރޭވިފައި ހުރި ގޮތް ބަލާނެ ކަމަށާއި ކެންސަރާއި ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ ހިރާސްތަކާއި ބަލިތަކުން މީހުން ރަައްކާތެރިކުރުމާއި ފަރުވާގެ ނިޒާމު އިންތިޒާމު ކުރެވިފައިވާ ގޮތުގެ މައުލޫމާތު ދެނެގަންނާނެ ކަމަށްވެސް ހެލްތް މިނިސްޓްރީއިން ބުނެއެވެ.

ގައިގައިން ގަޔަށް ނާރާ ބަލިތައް ޖެހުން ރާއްޖޭގައި ނިސްބަތުން ދަށަށް ނުދާ ކަމަށާއި ހިތުގެ ބަލިތަކާއި ސްޓްރޯކް އާއި ހަކުރުބައްޔާއި ނޭވާލުމުގެ ނިޒާމަށް ދިގު މުއްދަތަކަށް ޖެހޭ ބަލިތަކާއި ކެންސަރު ރާއްޖޭގައި އިތުރުވަމުންދާ ކަމަށްވެސް އެ މިނިސްޓްރީއިން ބުނެއެވެ.

އެފަދަ ބަލިތަކަށް މީހާ ހުށަހެޅޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކެއިން ބުއިމުގެ ނުރަނގަޅު އާދަތައް ގެންގުޅުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ހިމެނެއެވެ. އަދި އެކަށީގެންވާ ވަރަށް ހެލިފެލިވެ ނޫޅުމަކީ އެފަދަ ބަލިތަކަށް ހުށަހެޅޭ ސަބަބެކެވެ.