ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް ނަން ބަދަލުކުރަން އުޅޭ ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 39 އަހަރުގެ ރަންބީރު ކަޕޫރާއި އާލިއާމިދިޔަ އޭޕްރީލް މަހު ކައިވެނިކުރިއިރު އެދެމަފިރިން މިހާރު ތައްޔާރުވަމުން އަންނަނީ އަލަތު ދަރިފުޅަށެވެ. އާލިއާ ބަނޑުބޮޑުކަން އިއުލާންކުރީ ޖޫން މަހުގެ ފަހުކޮޅުގައެވެ.

ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ ފިރިމީހާ ރަންބީރު މިހާރު އޭނާގެ ހުރިހާ ލިޔެކިޔުންތަކެއްގައި މެރިޓިއަލް ސްޓޭޓަސް ބަދަލުކޮށްފި ކަމަށާއި އޭނާ ވެސް އޭނާގެ ނަން ބަދަލުކުރުމާ މެދު ވިސްނާ ކަމަށެވެ. އާލިއާ ބުނީ އޭނާގެ ނަން އާލިއާ ބަޓް އިން އާލިއާ ބަޓް ކަޕޫރަށް ބަދަލުކުރުން ވެގެންދާނީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަހަރެމެންނަށް މިހާރު ދަރިއަކު ލިބެން މިއުޅެނީ. ނަމުގެ ފަހަތަށް ކަޕޫރު ލާނަން. ނަން ބަދަލު ނުކުރާނަމަ ދަރިފުޅާއެކު އެކި ގައުމުތަކަށް ދަތުރުކުރާއިރު އަހަރެން އެކަނި އިންނާނީ ބަޓް އަކަށް. އަނެއް ދެމީހުން ވާނީ ކަޕޫރަށް. އަހަރެން ބޭނުމެއް ނޫން ބާކީ ވާކަށް. ޕާސްޕޯޓުތަކާއި ހުރިހާ ލިޔެކިޔުމެއް ބަދަލުކުރާނަން،"

އާލިއާ ބުނީ ލިޔެކިޔުންތައް ބަދަލުކުރި ނަމަވެސް އޭނާގެ ސްކްރީން ނަމަކީ ހަމަ އާލިއާ ބަޓް ކަމަށެވެ.

ކުޅަދާނަ ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސް ގައި ރިލީޒްކުރި "ޑާލިންގްސް" އިންނެވެ. އެ ފިލްމަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮއްސައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިރިމީހާ ރަންބީރު އާއެކު "ބުރައްމަސްތުރާ" އިންނެވެ.