ސޮނީ ޓީވީ އިން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ "ދަ ކަޕިލް ޝަރްމާ"ގެ އާ ސީޒަނެއް އަންނަ މަހު ދައްކާނެ ކަން އިއުލާންކޮށްފިއެވެ.

ކަޕިލް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާގެ ފޮޓޯ އެއް ކޮށްފައެވެ.

"މިއީ އާ ސީޒަނެއް. އާ ފެނިލުމެއް،" ކަޕިލް ވަނީ އޭނާގެ ލުކް މުޅިން ބަދަލުކޮށްލާފައެވެ. ސީޒަންގެ ޕްރޮމޯގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ މި ފޮޓޯގައި ކަޕިލް ފެންނަނީ ވަރަށް ހިކިކޮށެވެ. ބަރުދަށް ވަރަށް ބޮޑު ތަނުން ލުއިކޮށްލާފައިވާއިރު އޭނާގެ ބަނޑުވެސް ވަނީ އެއްކޮށް ހިނދިފައެވެ. ކަޕިލް ޝަރުމާގެ އާ ސީޒަނެއް ދައްކަން ތައްޔާރުވަމުން އަންނައިރު މިހާރު ކުރަނީ މި ޝޯގެ އެންމެ ފަހު މަސައްކަތެވެ.

މި ސީޒަން ދައްކާނީ މިހާރު ސޮނީ ޓީވީ އިން ދައްކަމުން އަންނަ "ސުޕަ ސިންގާ 2" ނިމުމުންނެވެ. ދަ ކަޕިލް ޝަރުމާ އެންމެ ފަހުން ދައްކާފައިވަނީ މިދިޔަ ޖޫން މަހުގައެވެ. ނަމަވެސް ދިމާވި ބައެއް ސަބަބުތަކަކާ ހުރެ އެ ޝޯ ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މި ޝޯ އަންނަ މަހު ދައްކަން ހަމަޖެހިފައިވީ ނަމަވެސް ދައްކާ ތާރީޚެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުވެސް ކަޕިލް ޝަރުމާ ޝޯ ވަނީ ދުވަސްކޮޅަކަށް މެދުކަނޑާލާފައެވެ. އެއީ ކަޕިލްއަށް ދެވަނަ ދަރިފުޅު ލިބުމާ ގުޅިގެން އާއިލާ އާއެކު ވަގުތު ހޭދަކުރަން ބޭނުންވެގެން ކަމަށް ކަޕިލް އޭރު ވަނީ ބުނެފައެވެ.