ދިވެހިރާއްޖޭގައި ވެރިކަން ހިންގާ ނިޒާމު ބަދަލުކުރުމާ މެދު އެމްޑީޕީގެ ކޮންގްރެސް އިން ގޮތެއް ނިންމަން ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވަން ނިންމަވައިފިއެވެ.
މި ވަގުތު ކޮންގްރެސް ހޯލުގައި ހުންނެވި އެމްޑީޕީގެ އިސް ބޭފުޅަކު "ދަ ޕްރެސް" އަށް މިކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ނަޝީދު ގަރާރު އަނބުރާ ގެންދަވަން ނިންމެވީ މިހާރު ކުރިއަށް ދާ ވޯޓުގެ ހަވާސާގައި ލީޑާޝިޕްގެ އިސއބޭފުޅުންނާ ކުރެއްވި މަޝްވަރާތަކުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވަން ނިންމާފައި ވަނީ ކޮންގްރެސްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުން ބަރުލަމާނީ އަށް ތާއީދު ނެތްކަން މެންބަރުންގެ ވާހަކަތަކުން ހާމަވެފައި ވާ ދަނޑިވަޅެއްގައެވެ.
މީގެ ކުރިން ރައީސް ސޯލިހު ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ވެސް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް މިއަދާ ހިސާބަށް ވެސް ނަޝީދު ހުންނެވީ އެ ގަރާރު އަނބުރާ ގެންދަވާ ގޮތަކަށް ނޫނެވެ. އެ ގަރާރު އަނބުރާ ގެންދަވަން ނިންމެވިކަމުގެ މައުލޫމާތު ލިބިފައި ވީނަމަވެސް ރައީސް ނަޝީދުގެ ފެކްޝަނުން އެކަން ދޮގުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ. މި ކަމާ ގުޅޭ ގޮތުން ނަޝީދު ފެކްޝަނުގެ ބަހެއް "ދަ ޕްރެސް" އަކަށް އަދި ނުލިބެއެވެ.
ކޮންގްރެސްގައި ދެ ރައީސުން ގިނައިރުތަކެއް ވާންދެން މަޝްވަރާތަކެއް ކުރެއްވި އިރު ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާއެކު ވެސް މަޝްވަރާތައް ވަނީ ކުރައްވާފައެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރާ އިރު، އެކަމާ ގިނަ ބަޔަކު އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އަދާލާތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިޝާން ހުސައިނާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެފައެވެ.