އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލިހުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ލުއިކުރުމަށް ހުށަހަޅައިފިއެވެ.

މިހާރު ކުރިއަށް ދާ އެ ޕާޓީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ އިސްތިއުނާފް މަޖިލިހުގެ އިސް ފަނޑިޔާރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އިސްލާމީ މަޝްވަރާ މަޖިލިހުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުރި ޝަރުތުތައް ހަރުކަށި ކަމުން، އެ މަޖިލިހަށް މެންބަރުން ހޯދަން ދަތިވެފައިވާ ކަމަށެވެ.

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލިހުގެ މެންބަރުންގެ ޝަރުތުތައް:

  • އިސްލާމިކް ޔުނިވާސިޓީއަކުން ތައުލީމީ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ އެ ފެންވަރަށް ކިޔަވާފައިވާ ކަމުގެ ލިޔުމެއް ލިބިފައިވުން
  • އިސްލާމްދީން ކިޔަވައިދިނުމާއި ދީނީ ތަގްރީރު ދިނުމުގެ ހުއްދަ ލިބިފައިވުން
  • ހާފިޒް ކަމުގެ ސަނަދު އޮތުން
  • އިމާމު ކޯހުން ނުވަތަ ގާޒީ ކޯހުން ފާސްވުން

އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، ހާފިޒް ކަމުގެ ސަނަދު އޮތުމާއި، އިމާމު ކޯސް ނުވަތަ ގާޒީ ކޯހުން ފާސްވެފައިވުން އުނިކޮށް، އިސްލާމީ ޔުނިވާސިޓީއަކުން ތައުލީމީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމުގެ ޝަރުތު ވަނީ އިސްލާމީ ޝަރީއާގެ ރޮނގުން މަތީ ތައުލީމް ހާސިލްކޮށްފައިވުމުގެ ޝަރުތަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅައިފައެވެ.

އަނަސްގެ ވާހަކަ އަށް ތާއީދު ކުރައްވައި ކޮންގްރެސްގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ، އިސްލާމީ މަޝްވަރާ މަޖިލިހުގެ މެންބަރުކަމުގެ ޝަރުތުތައް ލުއިކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލިސް އެކުލަވާނުލާތާ އަހަރުތަކެއް ވެފައިވާއިރު، އެ ޕާޓީގެ ނިމިދިޔަ އެތެރޭގެ އިންތިހާބުގެ ކެމްޕެއިންގައި ވާހަކަ ދައްކަވަމުން، މިހާރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލިސް އަލުން އެކުލަވާލައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.