ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ކިއާރާ އަދުވާނީ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެކްޓަރު ސިދާތް މަލްހޯތްރާ އެއްބަސްވެއްޖެއެވެ.

އެކަމަށް ސިދާތު އެއްބަސްވީ ކޮފީ ވިތު ކަރަން ސީޒަން ހަތެއްގައި އޭނާ އާއި ވިކީ ކޯޝަލް ބައިވެރިވި އެޕިސޯޑުގައެވެ. މި އެޕިސޯޑު ފެށުނީއްސުރެ ކަރަން ޖޯހަރު އާއި ވިކީ ސިދާތު އާ ކިއާރާ އާ އަޅުވާކިޔަން ފަށާފައެވެ. ނުސީދާގޮތަކަށް ކަރަން ސިދާތުއާ ސުވާލުތައް އަމާޒުކުރަމުން ގޮސް ބުނީ ސިދާތު އާއި ކިއާރާގެ ކައިވެނީގެ ހަފްލާގައި ކަރަން ނަށާނެ ކަމަށެވެ.

ކަރަން ވަނީ މި ސީރީޒްގެ ރިލީޒްނުކުރާ އެޕިސޯޑެއްގައި ކިއާރާ، ސިދާތު އާ ގުޅޭގޮތުން ދެއްކި ވާހަކައެއް އާންމުކޮށްފައެވެ. އެ ވީޑިއޯ ކްލިޕްގައި ކިއާރާ ބުނީ ސިދާތު އަކީ "މޯ ދެން ޖަސްޓް އަ ފްރެންޑެއް" ކަމަށެވެ. އެއާއެކު ސިދާތުގެ އަނގަ އެއްކޮށް ބެދިގެން ދިޔައެވެ. ސިދާތު އާއި ކިއާރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރުނީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ދުވަސްވަރަކީ އެދެމީހުން ފިލްމު "ޝޭރްޝާހް" ގައި މަސައްކަތް ކުރަމުން އައި ދުވަސްވަރެވެ. މި ފިލްމަކީ ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ. އަދި މި މަހު 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ އެވޯޑު އަދި އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ކިއާރާ އާއި ސިދާތު ވާދަކުރެއެވެ.

ތިން އަހަރެއްހާ ދުވަސް ކުރިން މި ވާހަކަ މީޑިއާތަކަށް ތިލަވެގެން ދިޔަ ނަމަވެސް ދެތަރިން ކުރެ އެކަކުވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސްވެފައެއް ނުވެއެވެ. ސިދާތު ވަނީ 2021 ވަނަ އަހަރު ކިއާރާ ގޮވައިގެން އާ އަހަރު ފާހަގަކުރަން ރާއްޖެ ވެސް އައިސްފައެވެ. އަދި ހަމަ އެ އަހަރު އާ އަަހަރު ފާހަގަކޮށް އެނބުރި މުމްބާއީ އަށް ގޮސް ސިދާތު ވަނީ އޭނާގެ މައިންބަފައިންނަށް ކިއާރާ ތައާރަފް ކޮށްދީފައެވެ. މި ބައްދަލުވުމަށް ސިދާތުގެ މައިންބަފައިން މުމްބާއީ އަށް އައީ ދިއްލީއިންނެވެ.