މިދިޔަ މެއި މަހު ބަނޑުބޮޑުކަން ހާމަކުރި ކުޅަދާނަ ބަތަލާ ސޯނަމް ކަޕޫރު ވިހައިފިއެވެ.
ކުޅަދާނަ އެކްޓަރު އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ސޯނަމް ވިހެއީ ފިރިހެން ކުއްޖެކެވެ. އިންސްޓަގްރާމްގައި ހިއްސާ ކުރި ޕޯސްޓެއްގައި ސޯނަމް ބުނީ ދަރިފުޅު ދުނިޔެއަށް އުފަންވެއްޖެ ކަމަށާއި އޭނާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މި ދަތުރުގައި އޭނާއަށް އެހީތެރިވި އާއިލާ އަށާއި އޭނާގެ ޑަކްޓަރުންނަށް ޝުކުރު އަދާކުރާކަމަށެވެ. ސޯނަމް އަލަތު ދަރިފުޅަށް ބަލިވެއިން ކަން ހާމަކުރީ މިދިޔަ މާޗު މަހުގައެވެ.
ބަތަލާ ސޯނަމް ބުނީ މިއީ އޭނާގެ ދިރިއުޅުމުގެ ފެށުން ކަމަށާއި މި ދަރިފުޅާއެކު އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދާނެ ކަމަށެވެ. މިއީ ސޯނަމް އޭނާގެ ފިރިމީހާ އާނަންދް އަހޫޖާގެ އަލަތު ދަރިފުޅެވެ. މި ދެމީހުން ކައިވެނިކުރީ 2018 ވަނަ އަހަރުގެ މެއި މަހުގައެވެ. ސޯނަމްގެ އިންސްޓާގްރާމް ޕޯސްޓާ އެކު ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ބޮލީވުޑްގެ ތަރިން ވަނީ އެ ދެމަފިރިނަނަށް މަރުހަބާ ކިޔާފައެވެ.
ސޯނަމްގެ އިތުރުން އޭނާގެ ބައްޕަ އަނިލް ކަޕޫރު ވެސް ވަނީ ސޯނަމް ވިހެއި ކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާން ކޮށްފައެވެ. އަނިލް ބުނީ ހޮނިހިރު ދުވަހު އާއިލާ އަށް އާ މެންބަރަކު އުފަންވެއްޖެ ކަމަށާއި ސޯނަމް އާއި އާނަންދު އަށް ފުރާފުރިހަމަ ފިރިހެން ދަރިފުޅެއް ލިބިއްޖެކަމަށެވެ. އަނިލް ބުނީ މި ދަރިފުޅާއެކު އޭނާގެ ދިރިއުޅުން ފުރިހަމަވެއްޖެ ކަމަށާއި މިއަށްވުރެ އުފާވެރި ދުވަހެއް އަދި ނާންނަ ކަމަށެވެ. މި ދަރިފުޅަކީ އަނިލް ކަޕޫރުގެ ފުރަތަމަ ކާފަ ދަރިފުޅުވެސްމެއެވެ.
ސޯނަމް އެންމެ ފަހުން ފެނުނީ 2019 ވަނަ އަހަރު ނެރުނު "ޒޯޔާ ފެކްޓާ" އިންނެވެ.