ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ކަތުޕުލީ" އަންނަ މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ފިލްމުގެ ޓިޒާ އެއް މިހާރު އާންމުކޮށްފައި ވާއިރު މި ފިލްމު އަންނަ މަހުގެ ދެވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ސްޓްރީމްކުރާނެއެވެ. މިއީ މިއަހަރު އޭނާގެ ހަތަރު ވަނަ ފިލްމުވެސްމެއެވެ. މި ފިލްމަށް އެންމެ ކުރިން ދިން ނަމަކީ "މިޝަން ސިންޑްރެއްލާ" އެވެ. ޕޫޖާ އެންޓަޓައިންމަންޓްގެ ފުރާޅުގެ ދަށުން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ރަންޖީތު ތިވާރީ އެވެ.
މި ފިލްމުގެ ޝޫޓިން މިދިޔަ އަހަރު އިނގިރޭސިވިލާތުގައި ވަނީ އެއްކޮށް ނިންމާލާފައެވެ. އެކްޓަރު އަކްޝޭގެ އިތުރުން ދެން މި ފިލްމުން ފެނިގެންދާނެ ތަރިންނަކީ ރަކުލް ޕްރީތު ސިންގް އަދި ސަރްގުން މެހެތާއެވެ. އަކްޝޭ ފުލުސް އޮފިސް މީހެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ރަތުސަސަން" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ޖޯންރާ އަކީ ސައިކޮލޮޖިކަލް ތްރިލާއެވެ.
މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އަކީ ކޮންމެ އަހަރަކުވެސް ހަތަރު ނޫނީ ފަސް ފިލްމުން ފެނިގެންދާ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ރަކްޝާ ބަންދަން" އިންނެވެ. އެ ފިލްމަށް އާންމުންގެ އިތުރުން ކްރިޓީކުން ގެ ވެސް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. މި ފިލްމަކީ އަކްޝޭގެ ފިލްމީ ކެރިއަރުގައި ވެސް އެންމެ އޯޕަނިން ދަށް ފިލްމެވެ. މި ފިލްމުގެ އޯޕަނިން އަށް ލިބިފައިވަނީ އެންމެ އަށް ކުރޯޑު ރުޕީސްއެވެ. މި ފިލްމަށް އައިއެމްޑީބީ އިން ރޭޓްކޮށްފައި ވަނީ 10 އަކުން ހަތަރެކެވެ.
މިގައުމުގެ ވެރިއަކަށް މިހިރީވެސް އިންޑިއާގެ ކަޓުޕުތުލީ(ޕަޕެޓް)އެއް.