މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޝޫޓިން ފެށި "އޭކް ދަ ޓައިގާ"ގެ ތިން ވަނަ ބައި އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކުރިތާ 10 އަހަރުވުން ފާހަގަކުރަމުން ފިލްމުގެ ކުޅަދާނަ އެކްޓަރު ސަލްމާން ހާން ބުނީ މި ފިލްމުގެ ތިން ވަނަ ބައި އަންނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށެވެ. މި ފިލްމުގެ ތިން ވަނަ ފިލްމުގެ ޓީޒާ އެއް އާންމުކޮށްފައި ވާއިރު ޓީޒާ އިން ފެނިގެން ދިޔައީ ކުރީ ދެ ފިލްމުގެ ބައެއް މަންޒަރުތަކެވެ. އަދި ޓައިގާ ގެ ތިން ވަނަ ބައި އެނބުރި އަތުވެއްޖެ ކަމަށް ޓީޒާގައި ވަނީ ބުނެފައެވެ.

އޭކް ދަ ޓައިގާ އާއި ޓައިގާ ޒިންދާ ހޭ ގެ ލީޑު ރޯލުން ފެނިގެންދިޔަ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ސަލްމާން ހާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ އޮސްޓްރިއާ އަދި ތުރުކީގައެވެ. މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ ފިލްމެކެވެ. އަދި މި ފިލްމު ކުޅުމަށް ކެޓްރީނާ ހާއްސަ ތަމްރީނެއް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

ދެހާސް ބާރަ ވަނަ އަހަރު ސީކުއަލްގެ ފުރަތަމަ ފިލްމު "އޭކް ދަ ޓައިގާ" ގެނެސްދިނީ ކަބީރު ހާން އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވަނީ "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ އަލީ އައްބާސް ޒަފަރުއެވެ. ފިލްމުގެ ތިން ވަނަ ބައި ޑައިރެކްޓްކުރާނީ މަނީޝް ޝަރްމާއެވެ.

މި ފިލްމުގެ ތިން ވަނަ ބައިން ވެސް ސަލްމާން އާއި ކެޓްރީނާ ފެނިގެން ދާއިރު މި ބައިގައި އެކްޓަރު އިމްރާން ހާޝިމީ ވެސް ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންގެ ހާއްސަ ފެނިލުމެއް ވެސް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމު ހިންދީ، ތެލުގޫ އަދި ތަމަޅަ ބަހުން ވެސް ރިލިޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.