އުތުރު ކޮރެއާ އާއެކު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިސްތިއުމާރުގެ ދަށުން ޖަޕާން މިނިވަން ވުމާއެކު ކޮރެއާވެސް މިނިވަންވެގެން ދިޔަ ދުވަސް އޮގަސްޓް 15، 1945 ފާހަގަ ކުރުމަށް އުތުރުކޮރެއާގެ ލިޑަރު ކޮމް ޖޮންގް އުން އަށް ޕުޓިން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ދެ ގައުމުގެ މަސްލަހަތާ ގުޅޭ ކަންކަމުގައި ދެ ގައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދެގައުމުގެ ދެމެދުގައި އުފެދިފައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރައްވާ މަސްލަހަތާ ގުޅުންހުރި ދާއިރާތަކުން އިތިރަށް ގުޅުން ބަދަހި ކުރައްވަން ޕުޓިން ހުންނެވިކަން ހާމަ ކުރައްވާފައި ވާއިރު ކޮރެއާއިންވެސް ބުނެފައި ވަނީ އެކަމަށް ކޮރެއާވެސް ތައްޔާރަށް އޮތް ކަމަށެވެ.

އެގޮތުން، ދެކޮޅުވެރި ފަރާތްތަކާ ކުރިމަތިލުމުގައި ދެގައުމުންވެސް ގެންގުޅޭނީ އެއް ވިސްނުމެއް ކަންވެސް ވަނީ ހާމަކޮށްފައެވެ. ދެކޮޅުވެރި ފަރާތްތަކަކީ ކޮބައިކަން ރަސްމީ ސިފައެއްގައި ހާމަ ކޮށްފައި ނުވިނަމަވެސް، ދުނިޔޭގެ އަސްކަރީ ބާރުތައް ބެހިފައި ހުރި ގޮތުން، އެއީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ކަމަށް މުރާސިލުން ބުނެއެވެ.

ރަޝިއާ އަކީ، އިގްތިސޯދީ ގޮތުންނާއި ސަގާފީ ގޮތުން އައި އެހީގެ ގޮތުގައި އުތުރު ކޮރެއާއަށް މަދަދު ދެމުން އަންނަ ގައުމެކެވެ. ހަމަ އެގޮތަށް އުތުރު ކޮރެއާ އަކީ، ރަޝިއާއިން ހިންގާ ހަނގުރާމަ ތަކާއި ރަޝިއާގެ އަސްކަރީ ފިޔަވަޅުތަކަށް ތާއީދު ކުރާ ގައުމެކެވެ. މިހާރު ރަޝިއާއިން ޔޫކްރައިން އަށް އަރާ ހިންގާ ހަނގުރާމައަށްވެސް އުތުރު ކޮރެއާއިން ތާއީދު ކުރެއެވެ.