ޓީވީ ޑްރާމާ ސިލްސިލާތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބަލާ ޑްރާމާ އަކަށް ސްޓާޕްލަސް އިން ދައްކަމުން އަންނަ "އަނުޕަމާ" މި ޑްރާމާ ހިމެނިއްޖެއެވެ.
މި ޑްރާމާ އަންނަނީ ޓެލެވިޝަން ރޭޓިން ޕޮއިންޓް (ޓީއާރްޕީ)ގެ އެއްވަނަ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެއް ހިފަހައްޓަމުންނެވެ. ޑްރާމާ ސިލްސިލާ "އަނުޕަމާ" ގައި މިހާރު ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދާއިރު މިހާރުގެ އެޕިސޯޑުތަކުން ފެންނަނީ ވަންރާޖް ޝާހް އާއި އަނުޖް ކަޕާޑިއާގެ އެކްސިޑެންޓަށް ފަހު ދިމާވާ ކަންތައްތަކެވެ. އެންމެ ފަހު އެޕިސޯޑު ނިމިގެންދިޔައީ ޑްރާމާގެ ތަރި އަނުޕަމާ ގާތު އަނުޖްގެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ވަންރާޖްގެ އަތުން ކަމަށް ބުނުމަށްފަހުއެވެ. އެ ޑްރާމާ އަށް ވަނީ 3.2 ގެ ރޭޓިން އާއެކުގައެވެ.
މި ޑްރާމާ އެއްވަނައިގައި ހިމެނުނުއިރު 2.4 ގެ ރޭޓިން އާއެކު ދެވަނައިގައި ހިމެނިފައިވަނީ "ގުމް ހޭ ކިސީކޭ ޕިޔާރު މެއިން" އެވެ. އަދި ތިން ވަނަ މަގާމު ލިބުނީ 2.3 ގެ ރޭޓިން އާއެކު "ޔޭ ހޭ ޗާހަތައިން" އަށެވެ. އަދި ހަތަރުވަނައިގައި "ޚަތްރޮން ކީ ޚިލާދީ 12" ހިމެނޭއިރު ފަސްވަނައިގައި ހިމެނިފައިވަނީ ޑްރާމާ ސިލްސިލާ "އިމްލީ"އެވެ.
މީގެ ކުރީ ޓީއާރްޕީ ރޭޓިން ލިސްޓުގައި ހިމެނެމުން އަންނަ ސްޓާޕްލަސްގެ އެންމެ ދުވަސްވީ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" މިފަހަރު ލިސްޓުގައި ހިމެނިފައެއް ނުވެއެވެ. މި ޑްރާމާ ޓިއާރްޕީ ލިސްޓުގައި ނުހިމެނޭތާ ދުވަސްގަނޑެއް ވެފައިވާއިރު ބެލެވޭ ގޮތުގައި މި ޑްރާމާ ގެ ވިއުސް މިހާބޮޑަށް ދަށްވީ އެ ޑްރާމާގެ މެއިން ދެތަރިން ކަމަށްވާ ކާރތިކް އާއި ނައިރާ އާއި އެ ޝޯ އިން ވަކިވުމުން ކަމަށެވެ. މިހާރު މި ޑްރާމާގެ މެއިން ރޯލު ކުޅެނީ އެ ދެމީހުން ގެ އަންހެން ދަރިފުޅު އަކްޝަރާ އެވެ.