ޖޫން މަހާ އަޅާ ބަލާއިރު ޖުލައި މަހު ޑެންގީ ޖެހުނު އަދަދު ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތަށް ބަލާއިރު ޖޫން މަހު 294 މީހަކަށް އަދި ޖުލައި މަހު 322 މީހަކަށް ޑެންގީ ހުން ވަނީ ޖެހިފައެވެ.

އޭގެ އިތުރުން ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އިތުރު ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެފައިވާއިރު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުމާއި ހޮޑުލުމަށް ބަލާއިރު މައި މަހާ އަޅާ ބަލާފަ ޖުލައި މަހު ރިޕޯޓުކޮށްފައިވާ އަދަދު ވަނީ މައްޗަށް ގޮސްފައެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން 21802 މީހުން ދެއްކި އިރު، ޖުލައި މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ދައްކާފައި ވަނީ 27553 މީހުންނެވެ.

މީގެ އިތުރުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މިދިޔަ ޖޫން މަހު 2376 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ 3103 ކޭސްއެވެ.

އެޗްޕީއޭއިން މީގެ ކުރިން ވަނީ މިދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވެމުންދާ އަދަދު އިތުރުވާ ކަމަށް ފާހަގަކުރޭ ކަމަށް ބުނެފައެވެ. އަދި ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން އިތުރު ސަމާލުކަން ދިނުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި ސިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.