ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) ނުވަތަ ފަލަސްތީނުގެ ސަރުކާރުން ފާއިތުވީ އަހަރުތަކުގައި ނުކުރާ މިންވަރަށް ސިޔާސީ އެކްޓިވިސްޓުން ހައްޔަރު ކުރަމުން ދާ ކަމަށް، ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ އަލްޖަޒީރާއިން ރިޕޯޓް ކޮށްފިއެވެ.

އަލްޖަޒީރާއިން ހަބަރު ދޭ ގޮތުގައި މިދިޔަ 2 މަސްދުވަހުގެ ތެރޭގައި އެކަނިވެސް، ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގި ހައްޔަރު ކުރުމުގެ ކެމްޕޭންތަކުގައި 94 މީހަކު ވަނީ ބަންދު ކޮށްފައެވެ.

އެ މީހުންގެ ތެރޭގައި ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނާއި ނޫސްވެރިން ހިމެނޭ ކަމަށްވެސް ރާމައްލާގައި މަރުކަޒު ކޮށްގެން ހިންގާ ލޯޔާޒް ފޮ ޖަސްޓިސް ގުރޫޕުން ވަނީ ބުނެފައެވެ. ހައްޔަރު ކުރި ގިނަ މީހުންނާ ދެކޮޅަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާ އިރު، 10 ދުވަހު ޖަލުގައި ބޭ ތިއްބުމަށްފަހު ގިނަ ބަޔަކު ދޫކޮށްލާފައި ވާ ކަމަށްވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ލޯޔާޒް ފޮ ޖަސްޓިސްގެ އިސްވެރިޔާ މުހައްނަދު ކަރަޖީ ވިދާޅުވީ މިއީ 2012 ވަނަ އަހަރަށްފަހު ފަލަސްތީނުގެ ސަރުކާރުން ހިންގާ މިފަދަ އެންމެ ވަރުގަދަ އެއް ކެމްޕޭން ކަމަށެވެ. އަދި ހައްޔަރަށް ގެންދާ ބައެއް މީހުންނަށް ލާއިންސާނީ އަނިޔާ ދޭ ކަމަށްވެސް ކަރަޖީ ވަނީ ފާހަގަ ކުރައްވާފައެވެ.

ސިޔާސީ ގައިދީންގެ ފަރާތުން ވަކާލާތު ކޮށްދޭ ލޯޔާޒް ފޮ ޖަސްޓިސްގެ އިސްވެރިޔާ އިތުރަށް ވިދާޅުވީ، ކޮންމެ ދުވަހަކީވެސް އާ ކޭސްތަކެއް ލިބެމުންދާ ދުވަހެއް ކަމަށެވެ. އަދި ހައްޔަރު ކުރާ ގިނަ މީހުންނަކީ މީގެ ކުރިން އިޒްރޭލުގެ ޖަލުތަކުގައިވެސް ބަންދު ކޮށްފައި ތިބި ބައެއް ކަމުން، ފަލަސްތީނުގެ ރައްޔިތުންނަށް ތަކުލީފު ބޮޑުވާކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ހައްޔަރު ކުރާ މީހުންނާ ކުރާ ސުވާލުތަކުގެ ތެރޭގައި އެމީހުންގެ ސިޔާސީ ހަރަކާތްތެރި ކަމާއި، އިންތިހާބުތަކުގައި ބައިވެރިވުން ހުރި ނެތް ގޮތާއި، ދަރިވަރެއް ނަމަ ދަރިވަރުންގެ ޔޫނިއަންގެ ހަރަކާތްތަކާ ބެހޭ ގޮތުން ކުރާ ސުވާލުތައް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ދެކޮޅަށް ފަލަސްތީނުގެ ގާނޫނީ ވަކީލުން ވަރުގަދަ މުޒާހަރާއެއްވެސް ކޮށްފައި ވާ ދަނޑިވަޅެކެވެ.

އިޒްރޭލާއެކު އެކުލަވާލި އޮސްލޯ އެކޯޑްގެ ދަށުން ގާއިމު ކުރި ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ޕަލަސްޓީނިއަން ލެޖިސްލޭޓިވް ކައުންސިލް (ޕީއެލްސީ)ގެ މަސައްކަތްތައް ހުއްޓިފައި އޮންނަނީ 2007 ވަނަ އަހަރުން ފަށައިގެންނެވެ. އެހެން ކަމުން، އައްބާސް މުޅިންހެންވެސް ވެރިކަން ކުރައްވާފައި ވަނީ، "މަސައްކަތް ކުރާ" ގާނޫނު ހަދާ މަޖިލީހަކާ ނެތް ހާލަތުގައި ކަމަށް ދެންނެވިދާނެއެވެ.

ފަލަސްތީނުގެ މަޝްހޫރު ލީޑަރު ޔާސިރު އަރަފާތު އަވަހާރަވުމާ ގުޅިގެން، ފަލަސްތީނުގެ ރައީސް ކަމުގެ މަގާމަށް އައްބާސް އިންތިހާބު ކުރީ 2005 ވަނަ އަހަރުއެވެ. އައްބާސްގެ ފަތަހަ ޖަމާއަތާ ވާދަކޮށް، ހަމާސް ޖަމާއަތުން މަޖިލީހުގެ އަޣުލަބިއްޔަތު ގެންދިޔައީ 2006 ވަނަ އަހަރުއެވެ.

ފަލަސްތީނުގެ ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން އަންދާޒާ ކުރައްވާ ގޮތުގައި، ފަލަސްތީނުގެ ވެރިކަމާ އައްބާސް ހަވާލުވެވަޑައިގެންނެވި ފަހުން 400 އެއްހާ ރިޔާސީ ގަރާރު ވަނީ ނެރުއްވާފައެވެ.