ރާއްޖޭގައި މަތީ ތައުލީމް ދޭ ބައެއް މަރުކަޒުތަކުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހުއްދަ ދީފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލުކުރަމުން ދާ ނަމަ ފިޔަވަޅު އަޅާނެ ކަމަަށް ބުނެފިއެވެ.
އެމްކިއުއޭ އިން ބުނީ، އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމްތައް ހިންގުމުގައި، ހުއްދަ ދީފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް، މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން އަމަލުކުރަމުން ދާ ކަމަށް ބުނެ އާންމު ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. އެގޮތުން އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ހިންގުމުގެ ހުއްދަ ދީފައި ނުވާ ޕްރޮގްރާމްތައް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ހިންގާ ކަމަށް ފާހަގަވެފައިވާ ކަމަށް އެ އިއުލާނުގައި ބުނެއެވެ. އަދި އެ އަމަލަކީ ގަވާއިދު ނަންބަރު: 2022/R-77 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު' އާ ހިލާފު އަމަލެއް ކަމަށް އެމްކިއުއޭ އިން ބުނެއެވެ.
އެހެންކަމުން މިފަދަ އަމަލުތައް ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލަ ބަލައި، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް އެމްކިއުއޭ އިން ބުނެއެވެ. އަދި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް ހިންގާ ޕްރޮގްރާމްތައް ބަލައި ނުގަންނާނެ ކަމަށް ވެސް އެމްކިއުއޭއިން ބުނެއެވެ.
އެހެންކަމުން އެ ފަދަ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށާއި އާންމު ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެކަން އާންމުކޮށް އަންގާ އިއުލާން ކުރާ ކަމަށް އެމްކިއުއޭއިން ބުނެއެވެ.
ރާއްޖޭގައި މަތީ ތައުލީމް ހިދުމަތް ފޯރުކޮްދޭ ކޮލެޖުތަކާއި އެފަދަ މަރުކަޒުތައް އިތުރުވަމުން އަންނަ އިރު، އެ މަރުކަޒުތަކުގެ ދެމެދުގައި ވާދަވެރިކަން އިތުރުވަމުން އަންނަ ތަން އަންނަނީ ފެންނަމުންނެވެ. އަދި ވާދަވެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ބައެއް ކޯސްތައް ހިނގާ އިރު، އެ ކޯސްތަް ހިންގުމަށް ދީފައިވާ ހުއްދައިގެ މިންގަނޑުތަކަށް ނުފެތޭ ބައެއް ކަންކަން ފާހަގަވެ ގިނަ ބަޔަކު އަންނަނީ މި ފަދަ ކަންކަން ފާހަގަ ކޮށް އެކަމުގެ ކަންބޮޑުވުންތައް ވެސް ހިއްސާ ކުރަމުންނެވެ.