ސަރުކާރުން ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގައި، ނިކަމެތިންނަށް އިސްކަން ލިބޭ ގޮތަށް ގޯތި ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މާލޭގެ ރައްޔިތުންނާ ރޭ ލޮނުޒިޔާރަތް ޕާކުގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އާ ކައުންސިލުން މަސައްކަތާ ހަވާލުވިތާ 14 މަސް ދުވަހުގެ ތެރޭ، މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމާ ގުޅޭގޮތުން އެތައް ފަހަރެއްގެ މަތިން މަޝްވަރާކުރެވި، އެކަމަށް އެދިފައިވާނެ ކަމަށެވެ. އެގޮތުން އެހެން ރަށްރަށުގައި ވެސް ގޯތި ދޫކުރާ އުސޫލުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިން ހިއްކާފައިވާ ސަރަހައްދުން މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ސިޓީން ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރާ މަސައްކަތްތަކުގައި ކައުންސިލް ބައިވެރިކުރުމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތަސް، މަދު މިނިސްޓްރީއަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ނޫނީ، އެ މުއައްސަސާތަކުން ކުރާ މަސައްކަތެއްގައި ނުވަތަ ފަށާ މަޝްރޫއެއްގައި ބައިވެރިއެއް ނުކުރެއެވެ
ހާއްސަކޮށް ގެދޮރުގެ ކަންކަމުގައި ސަރުކާރުން ކައުންސިލާ މަޝްވަރާ ނުކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމަ އެއާއެކު، ސަރުކާރުން ގޯއްޗަށް ހުޅުވާލާފައިވާ ފުރުސަތުގައި ނިކަމެތިންނަށް އިސްކަން ލިބޭގޮތަށް ގޯތި ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން މުއިއްޒު ވިދާޅުވީ، ސަރުކާރުން އެކަން ކުރަނީ ރަނގަޅަށްތޯ އަދި އިންސާފުންތޯ ޔަގީންކުރަން ބޭނުންވާ ކަމަށެވެ.
އެކަމުގައި އެހީއަށް ކައުންސިލުން އެދުމުން، ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށް ވިދާޅުވެ، މުއިއްޒު ވިދާޅުވީ، އޮންލައިންކޮށް ގެދޮރުވެރިކަމަށް ފޯމް ހުށަހަޅާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުން މާލެ ސަރަހައްދުގައި ދެ ހެލްޕްޑެސްކެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އަންނަ މަހުގެ 3 އިން ފެށިގެން އެ މަސައްކަތުގައި ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަމުން ދާނެ ކަމަށް ވިދާޅުވި ނަމަވެސް، ފަހުން ގަޑިތައް އިއުލާނު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ސަރުކާރުން ވަނީ މާލެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި މާލެ ރައްޔިތުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ގުޅީފަޅުން ޖުމްލަ 3،000 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ.