އާންމުންނަށް ހިދުމަތްދޭ ފިހާރަތަކާއި ކެފޭތައް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އަމަލު ކުރޭތޯ ބެލުމަށްޓަކައި ހާއްސަ އިންސްޕެކްޝަނެއް ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ފިހާރަތަކާއި ކެފޭ ފަދަ ތަންތަނުން އަމަލުކުރޭތޯ ބެލުމަށްޓަކައި މިއަދު އިންސްޕެކްޝަނެއް ކުރިއަށް ގެންދާނެ ކަމަށާއި، އެ އިންސްޕެކްޝަންގައި ކަމާގުޅޭ އެހެން އިދާރާތަކުން ވެސް ބައިވެރި ވާނެ ކަމަށެވެ.

އެ އިދާރާއިން ބުނި ގޮތުގައި އެ އިންސްޕެކްޝަންގެ މަގްސަދަކީ:

  • ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އެފަދަ ތަންތަން އަހުލުވެރިކުރުވުން
  • އެ ގާނޫނާ ހިލާފަށް ހިންގާ ތަންތަން ދެނެގަތުން
  • އެ ފަރާތްތަކަށް މައުލޫމާތު ދީ އިސްލާހު ކުރުވުން

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ވުޖޫދުވިތާ 12 އަހަރު ވެގެން ދިޔަ އިރު ވެސް އެ ގާނޫނު އެކަށީގެންވާ ގޮތެއްގައި ތަންފީޒެއް ނުކުރެއެވެ.

އެ ގާނޫނުގައިވާ ގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ކަނޑައަޅައި ޖޫރިމަނާ ކަނޑައަޅާފައިވީ ނަމަވެސް، އެ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ އާންމުވެފައެވެ. ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރި ކަމުގައި ވިޔަސް، އެއްވެސް ފިޔަވަޅެއް މިވީހާ ދުވަހަކު ނާޅައެވެ.