އެމެރިކާގެ ސަރުކާރުން ނުވަތަ އެމެރިކާގެ ބައިވެރިއަކު "ހަދާ ގޯހެއް"ގެ ބަދަލުގައި، އެކަމާ މެދު އެ ބަޔަކު ހިތާމަ ކުރަން ޖެހޭ ފަދަ ވަރުގަދަ ރައްދެއް އީރާނުން ދޭނެ ކަމަށް، އީރާނުގެ ރައީސް، އިބްރާހީމް ރައީސީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް މިފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައި ވާ މި ދަނޑިވަޅަކީ، އީރާނުން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުމާ ދެކޮޅަށް ޔަހޫދީ އިޒްރޭލުގެ ބޮޑުވަޒީރު ޔޭއީރު ލެޕީޑްއާއި މެދުއިރުމައްޗަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން، ހާއްސަ އެއްބަސްވުމެއް އެކުލަވާލައްވާފައި ވާ ދަނޑިވަޅެކެވެ. މި އެއްބަސްވުމަކީ، އީރާނުގެ މައްސަލާގައި އާންމު ގޮތެއްގައި ދެބަސްވެފައިވާ 2 "އެކުވެރިން"ގެ އެއްބައެއްވަންތަ ރޫހު އާލާ ކުރުވި އެއްބަސްވުމެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަ ކުރެއެވެ.

ކަން މިހެން އޮތް އިރު ސަރަހައްދީ ހަމަނުޖެހުން އުފައްދަނީ އެމެރިކާއާއި އެމެރިކާގެ ސަރަހައްދީ ބައިވެރިން ކަމަށް ރައީސީ ވަނީ ވިދާޅުވެފައެވެ.

ސަރަހައްދީ ކާރިސާއެއް ނުވަތަ ހަމަޖެހުން ނަގާލުމަކީ އީރާނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާ، އެފަދަ ގޯހެއް ހަދައިފިނަމަ އީރާނުގެ ވަރުގަދަ ރައްދަކާ ކުރިމަތިލާން ޖެހޭނެ ކަން، އެމެރިކާގެ ސަރުކާރާއި އެ ސަރުކާރަށް އެއްބާރުލުން ދޭ ބައިވެރިން ދަންނަން ޖެހޭނެ ކަމަށް ރައީސީ ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ މަދަނީ މަޝްރޫއެއް ކަމަށް އެ ގައުމުން ވަކާލާތު ކުރަމުން ދިޔަ ނަމަވެސް، އެމެރިކާއާއ ހުޅަނގުގެ ބައިވެރިން ބުނަމުންދަނީ އެއީ އަސްކަރީ ބާރުވެރިކަމުގެ ނިޔަތުގައި އީރާނުން ހިންގާ މަޝްރޫއެއް ކަމަށް ތުހުމަތު ކޮށްފައެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް 2015 ވަނަ އަހަރު، ބައިނަލްއަގުވާމީ ފެންވަރުގައި އެއްބަސްވުމެއް އެކުލަވާލި އެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ސަރުކާރުން ވަނީ އެ އެއްބަސްވުން ދޫކޮށް، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާފައެވެ.

އެމެރިކާގެ އަދުގެ ސަރުކާރުން އެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ދާއިރު، އެއްބަސްވުން މުޅިން އުވާލަން ޖެހުނު ކަމުގައި ވީ ނަމަވެސް، އީރާނު އަސްކަރިއްޔާގެ އެންމެ ވަރުގަދަ ފައުޖަކީ ޓެރަރިސްޓް ޖަމާއަތެއް ނޫން ކަމަށް ކަނޑަ ނާޅާނެ ކަމަށް އެމެރިކާ އިން ވަނީ އިޝާރާތް ކޮށްފައެވެ.