ޓެންޒޭނިއާގައި ފެތުރެމުންދާ ގޮތް ނޭނގޭ ބައްޔެއްގައި މިހާތަނަށް 3 މީހުން މަރުވެފައި ވާ އިރު، ދާއިރާގެ ތަޖުރިބާކާރުން، އެ ބައްޔާ ބެހޭ އިތުރު ދިރާސާތައް ކުރަން ފަށައިފިއެވެ.

ޓެންޒޭނިއާ ސަރުކާރުގެ ޗީފް މެޑިކަލް އޮފިސާ އައިފެލޯ ސިޗާލްވޭ ވިދާޅުވީ، މަރުވި 3 މީހުންވެސް ހިމެނޭ ގޮތަށް އެ ބަލީގެ 13 ކޭސް ރިޕޯޓް ކޮށްފައި ވާ ކަމަށެވެ. އެ ކޭސްތައް ރިޕޯޓް ކޮށްފައި ވަނީ ދެކުނު އިރުމަތީ ލިންޑީ ސަރަހައްދުން ކަމަށްވެސް އޭނާ ވަނީ ހާމަ ކުރައްވާފައެވެ.

ސިޗާލްވޭ ވިދާޅުވީ އެބޯލާ، މާބަގް އަދި ކޮވިޑަށް އެ މީހުން ނެގެޓިވް ވެފައި ވާ އިރު، 1 ޕޭޝަންޓެއްގެ ހަށިގަނޑުން ބަލި މުޅިން ފަސޭހަ ވެފައި ވާ ކަމަށެވެ. އެހެން މީހުން ތިބީ އައިސޮލޭޝަން ގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޓެންޒޭނިއާގައި ފެތުރެމުންދާ ގޮތް ނޭނގޭ ބަލީގެ ޕޭޝަންޓުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގަދައަށް ބޮލުގައި ރިއްސުން، ވަރުބަލިވުން އަދި ވަކިން ހާއްސަކޮށް، ނޭފަތުން ލޭ އައުން ހިމެނެއެވެ.

ޓެންޒޭނިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ބަލި ފެންނަމުންދާ ސަރަހައްދުގެ އާންމުން ވީހާވެސް ހަމަޖެހިގެން ތިބުމަށް ގޮވާލާފައެވެ.

ޓެންޒޭނިއާގެ ރައީސް ސާމިލާ ސުލޫހޫ ހަސަން ވަނީ، އެ ގައުމުން މިހާރު ފެންނަމުންދާ ގޮތް ނޭނގޭ ބައްޔަކީ، ތިމާވެއްޓަށް ދެމުންދާ ގެއްލުންތަކުގެ ސަބަބުން، އިންސާނުންނާއި ޖަނަވާރުންނާ ދެމެދު އުފެދޭ ގުޅުންތަކުގެ ސަބަބުން ވެގެން އުޅޭ ގޮތެއް ކަމަށް ވެދާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ދާއިރާގެ އެއްވެސް ތަޖުރިބާކަރަކު އެކަން އަދި ކަށަވަރު ކޮށްދީފައި ނުވާ އިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ރަސްމީ ބަހެއްވެސް މިކަމުގައި އިއްވި ކަމެއް އަދި ސާފެއް ނުވެއެވެ.

ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހަކީ ތަފާތު އެކި ބަލިމަޑުކަމުގައި ދުނިޔެއަށް ނުތަނަވަސްކަން ކުރިމަތިކުރުވި ދުވަސްތަކެކެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ބްލެކް ފަންގަސްގެ ކޭސްތަކެއް ފެންމަތިވެ، މަންކީ ޕޮކްސް ބަލީގެ ރާޅުތައްވެސް ދުނިޔޭގެ އެކި ހިސާބުތަކަށް ބިންދާލި މަންޒަރު ވަނީ ފެނިފައެވެ.