އީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކުޅިވަރުތަކާއި މާލި ނެށުމާއި، ދަނޑި ޖެހުމާއި، ކުރުފަލި ޖެހުމާއި، ބޮޑުބެރާއި ދަފި ނެގުން ފަދަ ގިނަ ހަރަކާތްތަކެއް އޮންނަ އީދެކެވެ. އަދި ފެންކުޅި ކުޅުމާއި ކުލަ ޖެހުމަކީ ވެސް އީދަށް ހާއްސަ ކަންކަމެކެވެ. އަދި ބޮޑުމަސް ބޭނުމަކީ އީދު ފުރިހަމަ ކުރުމަށްޓަކައި އެންމެ އިސްކަމެއް ދީގެން ކުޅޭ އެއް ކުޅިވަރެވެ.

މިއަހަރުގެ ބޮޑު އީދުގައި ހިންގި ކުޅިވަރުތަކުގެ ތެރެއިން މިއަހަރުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ހަރަކާތަކީ ހދ ކުޅުދުއްފުށީގައި ބޭއްވި ފުޅަނދު ބުރެވެ. އީދާ ދިމާކޮށް އެ ރަށުގެ ޒުވާނުން އިންތިޒާމްކޮށް ބާއްވާ މި ޕެރޭޑުގައި އެ ދުވަސްވަރެއްގެ އެންމެ ބޮޑަށް އާންމުންގެ ސަމާލުކަން ހުއްޓޭ، އަދި އެކަމަކަށް ފާޑުކިޔުން އަމާޒުވެ އެންމެ ހޫނުވެގެންދާ ބައެއް ކަންކަމާ ގުޅުން ހުންނަ ކަންކަން މަށިމާލި ޕެރޭޑުން ދައްކާލައެވެ. އެ ގޮތުން މި އަހަރު ފުޅަނދުބުރުގައި އެންމެ ގަދައަށް ދައްކުވައިދީފައި ވަނީ އެއް ޖިއްސުން ގުޅުން ހިންގި ކަމަށް ބުނެ ލީކް ކޮށްލާފައިވާ ވީޑިއޯތަކުން ފެންނަ ކޮޓަރިއެވެ.

ހދ. ކުޅުދުއްފުށީގައި އީދުގައި ބޭއްވި މަށިމާލި ޕެރޭޑުގައި އެއްޖިއްސުން ގުޅުން ހިނގި ކަމަށް ބުނާ ކޮޓަރި ދައްކުވައިދޭ ފުޅަނދު

ބައެއް ފުޅަނދުތަކުގައި މަސާޖްކުރާ ކޮޓަރިއެްގެ ގޮތުގައި އެ ކޮޓަރި ދައްކުވައިދީފައި ވާ އިރު، އަނެއް ފުޅަނދެއްގައި ބިޒްނަސް މީޓީން އަށް ދާ ކޮޓަރިއެއްގެ ގޮތުގައި އެ ކޮޓަރި ދައްކުވައިދީފައި ވެއެވެ. އެ ކޮޓަރީއަށް ބިޒްނަސް މީޓިން ރޫމްގެ ނަން ދީފައި ވަނީ، ލީކްކޮށްލި ވީޑިއޯތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ ވީޑިއޯއާ ގުޅިގެން އޭނާ ވިދާޅުވި ބަސްތަކަކަށް އަމާޒުކޮށެވެ. އޭނާ ވިދާޅުވެފައި ވަނީ، އެ ކޮޓަރިއަށް އޭނާ ވަޑައިގަތް ކަމަށާއި ނަމަވެސް ވަޑައިގަތީ ބިޒްނަސް މީޓިން އަކަށް ކަމަށެވެ.

ހދ. ކުޅުދުއްފުށީގައި އީދުގައި ބޭއްވި މަށިމާލި ޕެރޭޑުގައި ޔޯގާ އިވެންޓް ދައްކާލި ފުޅަނދު

މީގެ އިތުރުން އެ ފުޅަނދުބުރުގައި ދެން ފާހަގަ ކޮށްލެވޭ އެއް ފުޅަނދަކީ ބައިންލައަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ހިންގި ހަމަނުޖެހުމާ ގުޅުވާފައި ހަދާފައިވާ ފުޅަނދެވެ. ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ އިވެންޓުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ގިނަ ބަޔަކު ހައްޔަރުކުރި މައްސަލަ މި ޕެރޭޑުގައި ދައްކާލި އިރު، އޮރެންޖު ކުލައިގެ ހެދުމުގައި "ބޯގާ" ލިޔެގެން ތިބި ބަޔަކު، ޔޯގާ ހަދާ ގޮތަށް އިށީނދެގެން ތިއްބެވެ. އަދި އެ މީހުންގެ ފަހަތުން އެ ހަރަކާތަށް ހުރަސް އެޅި މީހުންގެ ގޮތުގައި ސިފަކޮށްދީ، ދިގު ކުރުތާ ލައި، ބޮލުގައި ފަގުޑި އަޅައިގެން ތިބި މީހުންނާއި ގައުމީ ކުލަތައް ފެންނަ ހެދުން އަޅައިގެން ތިބި މީހުން އެ ފުޅަނދުގައި ދައްކުވައިދީފައި ވެއެވެ. އަދި މި ޕެރޭޑްގެ ކުރީގައި، ކޯޓު ލައިގެން ތިބި ދެ މީހުންގެ ގައިގައި 'ޒާހިރުބެ' އާއި 'ބަހުލޫލް' ލިޔެފައިވާ ކަރުދާސްގަނޑެއް ހަރުކޮށްފައި ހުއްޓެވެ.

އެއީ ޔޯގާ އިވެންޓު ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވެވަޑައިގެންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެ މައްސަލައިގައި ހަނުހުންނެވި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއަށް ނިސްބަތްކޮށް ލިޔެފައިވާ ނަންތަކެއް ކަމަށް ބެލެވެއެވެ.

ހދ. ކުޅުދުއްފުށީގައި އީދުގައި ބޭއްވި މަށިމާލި ޕެރޭޑުގައި މޯލްޑިވިއަނުން ފްލައިޓުން ޖާގަ ހޯދުމުގެ ދަތިކަން ދައްކުވައިދިން ފުޅަނދު

ދެން ފެނުނު ފުޅަނދަކީ މި ބޮޑު ޗުއްޓީއާ ދިމާކޮށް އެތައް ރައްޔިތުންތަކަކަށް ތަކްލީފު އުފުލަން ޖެހުނު މައްސަލައަކާ ގުޅުވާފައިވާ ފުޅަނދެކެވެ. މަތިންދާޓެއްގައި "ހައްގު މިންވަރު" ޖަހައި މޯލްޑިވިއަނުން ދޭ ހިދުމަތާ މެދު ފާޑުކިޔާފައިވާ މި ފުޅަނޑުގައި ލަގެޖް ހިފައިގެން މީހުން އެ ފްލައިޓު ވަށައިގެން ތިބި މަންޒަރު ދައްކުވައި ދެއެވެ. ޖާގަ ނުލިބި އެތައް ދުވަހަކު ފްލައިޓް ކެންސަލް ވެ ނުވަތަ ޖާގަ ނުލިބި ދަތިވެގެން އުޅެން ޖެހުމުން ރައްޔިތުންނަށް އެކަމުން އުފުލަން ޖެހޭ ތަކުލީފް މި ފުޅަނދުގައި ދައްކުވައިދީފައި ވެއެވެ.

މީގެ އިތުރުން ވެސް ރާއްޖެއަށް އައި ފްލެމިންގޯ ދޫނިތައް ބަޔަކު ހިފައިގެން އެ ދޫނިތަކަށް ގޯނާ ކުރި މައްސަލައާ ގުޅުވާފައި ވެސް ފުޅަނދެއް ވަނީ ހަދާފައެވެ.

ހދ. ކުޅުދުއްފުށީގައި އީދުގައި ބޭއްވި މަށިމާލި ޕެރޭޑުގެ ތެރެއިން

އަދި ސަރުކާރުން އެ ރަށުގައި އަޅަން ވައުދުވި 100 ޓަނުގެ އައިސް ޕްލާންޓާއި ޕްރީ ސްކޫލުގެ ވާހަކަ ވެސް އެ ފުޅަނދުބުރުގައި ވަނީ ދައްކުވައި ދީފައެވެ. އަތް ގާޑިޔަލުގައި ހަދާފައިވާ ސްކޫލެއްގެ ފަހަތުން، ޔުނީފޯމު އަޅައިގެން ތިބި ކުދިންތަކެއް ދާ މަންޒަރު ދައްކުވައިދީފައި ވާއިރު، ކުޅުދުއްފުށީ ކާޑު ފެކްޓަރީ އާއި ހޮސްޕިޓަލާއި ކުނި ނައްތާލުމުގެ ހިދުމަތަށް ވެސް ފާޑުކިޔައި ތައްޔާރުކޮށްފައި ވާ ފުޅަނދުތައް ވެސް މި ފުޅަނދުބުރުގައި ދައްކުވައިދީފައި ވެއެވެ.

ކޮންމެ އަހަަރަކު ވެސް އީދު ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ބާއްވާ މި ޕެރޭޑަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ޕްރޭޑެކެވެ. އެއް ބަޔަކަށް މި ޕެރޭޑް ޖޯކަކަށް ވެ މަޖާވެގެން އުޅުނަސް އަނެއް ބަޔަކު އަންނަނީ މި ޕެރޭޑަށް ފާޑުކިޔަމުންނެވެ. އެ މީހުން ބުނާ ގޮތުގައި މީހުންނަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމަކީ އީދު ކުޅިވަރެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

އީދު މަޖަލުގައި ކުޅުދުއްފުށިން މި ފަދަ ޕެރޭޑެއް ބޭއްވި މީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޕެރޭޑްތަކުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އާއި އަނބިކަނަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކަމަށް ސިފަވާގޮތަށް ދައްކާފައި ވެސް ވެއެވެ. ހަމައެއާއެކު ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ޖޯކް ޖަހާފައި ހިޔާގައި ތިބި ކުދިންގެ ތެރެއިން ބެޑްޝީޓް ދަށުގައި ފިލައި އޮތް ކުއްޖަކު ގެއްލުނު މައްސަލައަށް ވެސް ޖޯކް ޖެހި ޕެރޭޑްތައް ވެސް މާޒީވެގެން ވަނީ ގޮސްފައެވެ.