އަފްގާނިސްތާން ކޮންޓްރޯލް ކުރަމުންދާ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުގެ ބާނީ މުއްލާ އުމަރު ބޭނުން ކުރި ޓޮޔޯޓާ ވެގަން ކާރު، އަފްގާނިސްތާނުގެ ބިމު އަޑި ކޮނެގެން ނަގައިފިއެވެ.

ސުލްހައިގެ އެކްޓިވިސްޓެއްގެ ގޮތުގައި ޓްވިޓާ ހަރަކާތްތެރިވާ މުޙައްމަދު ޖަލާލް ހާމަ ކުރި ގޮތުގައި، ބިމު އަޑީ ކޮނެގެން ނަގާފައިވާ ޓޮޔޯޓާ ވެގަން ކާރަކީ، އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރައިގެން އައި ދުވަސްވަރު، ކަންދަހާރުން ޒަބޫލް ޕްރޮވިންސަށް ދަތުރު ކުރުމަށް މުއްލާ އުމަރު ބޭނުން ކުރި ކާރެވެ.

އެ ކާރު ނެގީ، އެ ގައުމުގެ ދާރުލްއާސާރުގައި ކާރު ބާއްވަން ތޯލިބާނުން ބޭނުން ވެގެންނެވެ.

މުއްލާ އުމަރުގެ މޭސްތިރިކަމުގެ ދަށުން، އިސްލާމިކް އެމިރޭޓް އޮފް އަފްގާނިސްތާން ނުވަތަ ތޯލިބާން ޖަމާއަތް އުފެއްދީ 1994 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރު އޭނާ މަރުވަންދެން، ތޯލިބާން ޖަމާއަތުގެ ލީޑަރަކަށްވެސް ހުރީ މުއްލާ އުމަރެވެ. މުއްލާ އުމަރުގެ މަރުގެ ހަބަރު އާންމު ކުރީ 2015 ވަނަ އަހަރުއެވެ. އެ ދެމެދުން ފާއިތުވީ އަހަރުތަކުގައި ތޯލިބާނުން ދިޔައި މުއްލާ އުމަރުގެ ނަމުގައި ބަޔާންތައް ނެރެމުންނެވެ.

ކުރީގެ ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް އަފްގާނިސްތާނުގައި އުފެދުނު ހަނގުރާމަވެރި ރޫހު ނުވަތަ އަފްގާން މުޖާހިދީންއާ މުއްލާ އުމަރު ގުޅުނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. 1994 ވަނަ އަހަރު ތޯލިބާން ޖަމާއަތް އުފެއްދުމަށްފަހު، 1995 ވަނަ އަހަރާ ހިސާބަށް ދެވުނު އިރު އެ ޖަމާއަތުން އަފްގާނިސްތާނުގެ ދެކުނާއި ހުޅަނގުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގާފައެވެ. އަދި ސެޕްޓެމްބަރު 1996 ގައި، އަފްގާނިސްތާނުގެ ވެރިކަން ކުރާ ކާބުލް ހިފާ، އަފްގާނިސްތާނުގެ ދައުލަތުގެ ވެރިޔާ އަކީ އޭނަ ކަމުގައި އިއުލާން ކުރިއެވެ.

2001 ވަނަ އަހަރު އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރުމާއެކު، ތޯލިބާން ލީޑާޝިޕްގެ އޮޕަރޭޝަނާ ގުޅިފައިވާ ހުރިހާ މަސައްކަތެއް، އޭނާގެ ނައިބުންނާ މުއްލާ އުމަރު ހަވާލު ކުރިއެވެ. މުއްލާ އުމަރު، ކަންދަހާރުން ޒަބޫލް ޕްރޮވިންސަށް ފިލާ، އޭނާގެ އަނބިން، ޕާކިސްތާނަށް ބަދަލު ކުރިއެވެ.

މުއްލާ އުމަރު ހޯދައިދިން މީހަކަށް 10 މިލިއަން ޑޮލަރުގެ ބަދަލު އިނާމެއް އެމެރިކާއިން ކަނޑައަޅާފައި އޮތް އިރުވެސް އޭނާ ދިރިއުޅެމުން ދިޔައީ، އެމެރިކާ އަސްކަރީ ބޭސްތަކުން ފެށިގެން ފައި މަގުގައި ހިނގާފައި ދެވޭހާ ކައިރި ހިސާބުގައެވެ.