ކަނޑު އަޑިން މަސްތުވާތަކެތި އުފުލުމަށް ތަރައްގީ ކޮށްފައި ވާ 3 ޑްރޯންއެއް، ސްޕެއިންގެ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފިއެވެ.

އިންސާނަކާ ނުލާ ދަތުރު ކުރުމުގެ ގާބިލު ކަން ލިބިފައިވާ އެ "އުޅަނދު" ތަކުގައި 200 ކިލޯގްރާމްގެ ކާގޯ އުފުލޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސްޕެއިންގެ ފުލުހުން ބުނީ އޭގެ މާނައަކީ، ވިލާތު ހުރަސްކޮށް މަސްތުވާތަކެތީގެ ވަގުވިޔަފާރި ކުރާ ފަރާތްތަކަށް އުޅަނދު އުފައްދައި ދީ ސަޕްލައި ކުރަމުން ދާ ކަމަށް ޝައްކު ކުރެވޭ ގޭންގެއް ރޫޅާ ލެވުން ކަމަށެވެ.

ސްޕެއިންގެ ފުލުހުން ބުނީ މިއީ އިންސަނަކާ ނުލައި އެފަދަ ގޮތަކަށް ކަނޑު އަޑީގައި ދަތުރު ކުރާތީ ފެނުނު ފުރަތަމަ އުޅަނދު ކަމަށެވެ.

ސްޕެއިންގެ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ 3 ޑްރޯންގެ ތެރެއިން 1 ޑްރޯންގެ މަސައްކަތް މުޅިން ނިންމާފައި ވާ އިރު، އިތުރު 2 ޑްރޯންއެއްގެ މަސައްކަތް ދިޔައީ ކުރިއަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޖީޕީއެސްއައެކު ފަރުމާކޮށްފައިވާ އެ ޑްރޯންތަކަކީ، ދުނިޔޭގެ ކޮންމެ ތާކު ހުރެގެން، ޓެބްލެޓް ފަދަ ކުޑަކުޑަ ޑިވައިސްއެއްގެ އެހީގައި އޮޕަރޭޓް ކުރެވޭ ވަރުގެ ގާބިލުކަން ލިބިފައިވާ ޑްރޯންތަކެއް ކަމަށް ހަބަރު ލިބެއެވެ.

14 މަހަށް ދިގުލާ ދިޔަ ތަހުގީގުތަކަށް ފަހު، 3 ސަރަހައްދަކުން 8 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެބެއިން ހިމެނޭ ކަމަށާ، އޭގެ ތެރެއިން ބައްޕައަކީ ހެލިކޮޕްޓަރު ޕައިލެޓެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހަކީ އެފަދަ އުޅަނދުތައް ތައްޔާރު ކުރުމުގެ ފަންނީ މައުލޫމާތު ލިބިފައި ވާ މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މިއަދު ބައިނަލްއަގުވާމީ ފެންވަރުގައިވެސް އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ. ސްޕެއިން އަކީ ވިލާތަށް ޑްރަގްސް އެތެރެ ކުރުމުގައި މުހިންމު ސަރަހައްދަކަށް އޮންނަނީ ވެފައެވެ. އެއީ ޖިއޮގްރަފީ ގޮތުން ބަލާއިރު މޮރޮކޯއާ ކައިރި ކަމުންނެވެ. މޮރޮކޯއަކީ ފުޅާ ދާއިރާއެއްގައި ކެނަބިސް އުފައްދާ ގައުމެކެވެ. އަދި ދުނިޔޭގެ ނިސްބަތުން އެންމެ ފުޅާ ދާއިރާއެއްގައި ކޮކެއިން އުފައްދާ ދެކުނު އެފްރިކާގެ އާބާދުތަކާވެސް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ.

އެފްރިކާއާއި ވިލާތު ބައްރު ވަކި ކުރާ ސްޓްރެއިޓް އޮފް ޖިބްރާލްޓާ ނުވަތަ، 15 ކިލޯމީޓަރު ފުޅާ، ޖިބްރާލްޓާ ކަނޑުއޮޅި އަކީ، ޑްރަގްގެ ވަގުފާރި ކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ރާސްތާއެއް ކަމަށް ހަބަރު ލިބެއެވެ.