މިއަދު ހަވީރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކާރެއް ކޮންޓްރޯލް ނުވެގޮސް އިތުރު ކާރެއްގައި ޖެހި ވިއްސައިގެން ގޮސް އެމްޓީސީސީގެ ބަހެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެނަކު މަރުވެއްޖެއެވެ.

އެކުވެނި ޓްރެކް ކައިރިން ބޮޑުތަކުރުފާނު މަގުގައި މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އިރުއޮއްސި 6:08 ހާއިރުއެވެ. މި ހާދިސާގައި ކުރިން ހަތަރު މީހަކަށް އަނިޔާވެފަިއވާ ކަމަށް ފުލުހުން ބުނި ކަމުގައި ވިޔަސް ފަހުން ފުލުހުން ބުނީ މި ހާދިސާގައި 6 މީހަކަށް އަނިޔާވެފައި ވާ ކަމަށެވެ.

އެއީ ހަތަރު އަންހެނަކާއި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓްގައި އަނިޔާވި 6 މީހުންނަށް ފަރުވާ ދެމުން ދަނިކޮށް އޭގެތެރެއިން އެއް އަންހެނަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓް ހިނގި ގޮތުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ އެކުވެނި ދަނޑު ކައިރި ބޭރު މަގުން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެމަގުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި މައްސަލައިގައި އެކްސިޑެންޓްވި ދެ ކާރެއް ހިމެނޭ އިރު އެ ކާރުތައް ދުއްވަން ތިބި މީހުންގެ އަތުގައި އެ ކެޓަގެރީގެ ލައިސަސންސް އޮތް ކަން ނުވަތަ ނެތް ކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް މި އެކްސިޑެންޓްގެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓަގައި އެމްޓީސީސީ ބަހުގައި ޖެހިފައި ވަނީ ރަތް ކާރެކެވެ. ބަހުގެ ކުރީ ކޮޅު ފުނޑި ބިއްލޫރުގަނޑު ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައިވާ އިރު ކާރުގެ އެއްފަޅި ވަނީ އެއްކޮށް ފުނޑިފައެވެ.