މިހާރު ސޯޝަލް މީޑިއާ އަށް ވަންނަ ކޮންމެ ފަހަރަކު ވެސް ހައިރާން ކުރަނިވި އަޑުތަކެއް ނުވަތަ މަންޒަރުތަކެއް އަންނަނީ ފެންނަމުންނެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް މީހެއްގެ ބަރަހަނާ ވީޑިއޯތަކެއް ނުވަތަ ފޮޓޯތަކެއް އެބަ ދައުރުވެއެވެ. ނުވަތަ ބަދުއަހްލާގީ ކޮންމެވެސް އަމަލެއް ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފެނެއެވެ.

މި މަންޒަރު ފެންނަނީ ހަމައެކަނި ޓްވިޓާއަކުން ނޫނެވެ. ފޭސްބުކާއި، ޓިކްޓޮކް ފަދަ ޕްލެޓްފޯމް ތަކުން ވެސް ދިވެހިން ފަޟީހަތް ކުރުމުގެ ނިޔަތުގައި މިފަދަ ވީޑިއޯތައް އާންމުކޮށްފައި އެބަ ހުއްޓެވެ. އާންމުކޮށް މި މަންޒަރު ފެންނަ ގޮތަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަށް ވީޑިއޯއާއި ފޮޓޯ އާންމު ކުރާ ވާހަކަ ކުށްވެރިކޮށްފި ނަމަ ގޯސް ވާނީ ވެސް އެ ވާހަކައެއް ދައްކާ ބައެކެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބަންދު ކޮޓަރީގައި ތިބެގެން ހިންގާ މިފަދަ މުޑުދާރު އަމަލުތައް އާންމުކޮށްގެން މެނުވީ އެމީހުން ކުރާ ކަންކަން ނުހުއްޓުވޭނެއެވެ. އަދި އެފަދަ މީހުންގެ އެ އަމަލުތައް އާންމު ކޮށްގެން މެނުވީ އެކަން ކުރާ މީހުންނަށް ދޭން ޖެހޭ ހައްގު އަދަބެއް ވެސް ނުދެވޭނެއެވެ.

މި ވިސްނުންތަކާއެކު ބަޔަކު ކުރާ މުޑުދާރު އަމަލުތަކެއް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްގައި އާންމުކުރާ އިރު، އެއިން ނޭދެވޭ އަސަރު ކުރާނެ ބަޔަކު ތިބި ކަން އަހަރެމެންގެ ތެރެއިން އެކަކު ވެސް ވިސްނާލިން ހެއްޔެވެ. ނުވަތަ މި މައްސަލައިގެ ބާވަތުން އެކަން އެންމެންގެ ސިކުނޑިން ކައްސާލީ ހެއްޔެވެ.

ދިވެހިންގެ ތެރޭގައި ވެސް އުމުރުން 13 އަހަރުން ފެށިގެން 18 އަހަރާ ދެމެދުގައި ތިބޭ ކުޑުދިންގެ ތެރެއިން އެތައް ކުއްޖެއްގެ އަތުގައި މިހާރު ސްމާޓް ފޯނެއް އޮވެއެވެ. އެ ކުދިންނަށް އެ ފޯނު ދީފައި އޮންނަ ސަބަބެއް ކަމަށް ގިނަ ބެލެނިވެރިން ބުނަނީ، މަސައްކަތުގައި ބިޒީކޮށް އުޅޭތީ ކުދިން ގޭގައި އެކަނި ތިބޭ އިރު ކުދިންނަށް ގުޅައިގެން ހާލު ބަލައި އެ ކުދިންގެ ކަންކަން އޮޅުން ފިލުވަން ފަސޭހަ ވާ ކަމަށެވެ. އަދި ކިޔެވުމުގެ ކަންކަމަށް ވެސް އިންތަނެތް ބޭނުންވާ އިރު އެފަދަ ވަސީލަތްތައް ދިނުމަކީ ކުދިންގެ ކުރިއެރުމަށް ކުރެވޭ ކަމެއް ކަމަށެވެ.

ކުޑަކުއްޖަކު ސްމާޓް ފޯނެއް ހިފައިގެން ހުރި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

ނަމަވެސް ސްމާޓް ވަމުން އަންނަ މި ދުނިޔެއަށް ލޯ ހުޅުވެމުން އަންނަ ކުދިންގެ ސިކުނޑިތަކަކީ ވެސް ސްމާޓް ވަމުން އަންނަ ގުނަވަނެއްކަން އަހަރެމެން ގަބޫލު ކުރަން ޖެހެއެވެ. ބައެއް ކުދިންނަކީ ވަކި ކަމެއް ނުކުރާށޭ ބުނެފިއްޔާ އެކަމެއް ކުރަން ނުވަތަ އެކަން މަނާ ކުރަނީ ކީއްވެތޯ ބަލަން ބޭނުންވާ ކުދިންނެވެ. އެ ގޮތުން ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭނުން ކުރުން މަނާ ކުރުމުން އެކުދިންގެ މައިންބަފައިންނަށް ސިއްރުން އެ ޕްލެޓްފޯމްތަކަށް ވަދެގެން ބޭނުން ކުރާ އެތައް ކުދިންނެއް އުޅެއެވެ. ފުރާވަރުގެ އެ އުމުރަކީ ކަންކަން ހޯދާ ބެލުމަށް ޝައުގުވެރިކަން އުފެދޭ އުމުރެއް ކަމުން ކުދިން ފޯނު ބޭނުން ކުރަނީ ކޮން ބޭނުމެއްގައިތޯ ރަނގަޅަށް މޮނިޓާ ނުކުރެވިއްޖެ ނަމަ މަނާ ކުރި ކަންކަން ކުދިން ކުރާތަން ފެންނަނީ މި ސަބަބާ ހުރެއެވެ.

އެހެންވެއްޖެ ނަމަ މި މުޖުތަމައުގެ ތެރޭގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި "އެކްޓިވް" ކޮށް އުޅޭ ކުޑަދިން މަދެއް ނުވާނެކަން ކަށަވަރެވެ. ތިމާގެ ދަރި ފޭސްބުކަށް ނުަވަނަސް އެހެން ކުދިން ވަންނާނެ ކަން ގަބޫލު ކުރަން ޖެހެއެވެ. އަދި މިއަދު ދިވެހިންގެ ތެރޭގައި މަގްބޫލުވެ އާންމު ކުރަމުންދާ ބަރަހަނާ ފޮޓޯތަކާއި އަދި ބަދްއަހްލާގީ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް އާންމު ކުރަމުންދާ އިރު، އެކަމުން އެ ކުދިންނަށް ކުރާނެ ނޭދެވޭ އަސަރަކީ އަހަރެމެން ކޮންމެ ދިވެއްސަކު ވެސް ވިސްނާލަން ޖެހޭ ކަމެއް ކަން ޔަގީނެވެ.

މީގެ އިތުރުން ދަރިންނަށް ސޯޝަލް މީޑިއާއަށް ވަނުމުގެ ހުއްދަ ދީފައިވާ ބެލެނިވެރިން ވެސް އެކުދިން އުޅޭ ނޫޅޭ ގޮތް ގާތުން ބަލަން ޖެހެއެވެ. އެހެން ނޫނީ، އެފަދަ ޕްލެޓްފޯމްތަކުގައި އުޅޭ ބައެއް ކުށްކުރާ މީހުންނާ އެކުދިން ގުޅިގެން ކުށުގެ ވެއްޓަށް ނުކުންނަ އިރު ވެސް އެކަން މައިންބަފައިންނަށް އޮންނަނީ ރެއަކާ ނުލައެވެ.

އެ ގޮތުން މިހާރު ވެސް މި ޕްލެޓްފޯމްތަކުގައި ކުޑަކުދިންގެ "ބްރެއިން ވޮޝް" ކޮށްގެން މަސްތުވާތަކެތީގެ ކަންކަމާއި، ހަށިވިއްކުމާއި މޫނު ނުފެންނާނެ ގޮތަށް ލަދުވެތި ގުނަވަން ދެއްކުން "އޯކޭ" ކަމަށް ބުނެ އެތައް ކުދިންތަކެއްގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަތައް ފެންނަމުން ދާ ކަމަކީ އަހަރެމެން ކަންބޮޑުވަން ޖެހޭ ކަމެކެވެ. މަސްތުވާތަކެތި ވިއްކުމަށް ވެސް ކުޑަކުދިން މެދުވެރިއެއްގެ ގޮތުގައި ބޭނުން ކުރުމާއި، ގެސްޓް ހައުސްތަކަށް ކުޑަކުދިން ގެންގޮސް އެކުދިން ލައްވާ ބަދްއަހްލާގީ އަމަލުތައް ހިންގަމުންދާ ކަމީ ވެސް މި މުޖުތަމައު ތެރޭގައި އަޑު ހަރުކޮށް ނުކިއަސް ހިންގަމުން އަންނަ ބޮޑެތި ކުށްތަކެވެ.

ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުޑަކުއްޖެއް ރަމްޒުކޮށްދޭ ފޮޓޯއެއް ---

ކޮންމެ މީހަކަށް ވެސް އެމީހެއްގެ ދަރިއަކު މުހިއްމު ވާނެއެވެ. އަމިއްލަ ދަރިއަށް އެފަދަ މަންޒަރެއް ފެނި އެކުދިން މަގުން ކައްސާލައިގެން ގޮސްފާނެތީ ބިރުވެސް ގަންނާނެ ކަން ޔަގީނެވެ. އަމިއްލަ ދަރިއަށް އެފަދަ މަންޒަރެއް ނުފެންނާނޭ ހީވިޔަސް އެއީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. އަމިއްލަ ދަރިއަށް އިންޓަނެޓް އެކްސެސް ލިމިޓް ކޮށް ދިން ކަމުގައި ވިޔަސް ބައެއް ކުދިންނަކީ އިންޓަނެޓް ބޭނުން ކުރުމުގެ މިނިވަންކަން އޮތް ކުދިންނެވެ.

އެހެން ކަމުން އިންޓަނެޓް، ފުރިހަމަ މިނިވަންކަމާ އެކު ބޭނުން ކުރާ ކުއްޖަކަށް އެފަދަ މަންޒަރު ފެންނަ އިރު، އެ ވާހަކަ ރައްޓެހިންނާ ހިއްސާ ކުރެއެވެ. އަދި އެފަދަ މަންޒަރު ނުފެންނާނެ ހެން ތަރުބިއްޔަތު ކުރާ ކުއްޖާއަށް އެ މަންޒަރު ފެންނަ ކުދިން އެކުދިންގެ ފޯނުން އެ މަންޒަރު ދައްކާނެ ކަމީ ވެސް އަހަރެމެން ގަބޫލު ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން މި ފަދަ ކަންކަން އެ ކުދިންނަށް ނުފެންނާނެ ގޮތަކަށް ގެންގުޅެވެން އޮތީ ބެލެނިވެރިން ވެސް ވަރަށް ސްމާޓްވެ ހުށިޔާރު ވެގެންނެވެ.

މިއަދު މި ވާހަކަ ދައްކާލަން މި ޖެހުނީ ފުރާވަރުގެ، ގްރޭޑް 9 ނުވަތަ 10 ގައި އުޅޭ ދަރިވަރުންތަކެއް ދެއްކި ވާހަކައެއް އަޑު އިވުމުންނެވެ. ބަލާ ބެލުމަށް އެ ހުރިހާ ކުދިންނަކީ ވެސް އަހްލާގް ރަނގަޅު ކުދިންތަކެއް ހެން ހީވިއެވެ. ނަމަވެސް އެ ކުދިން ދެއްކީ ދާދި ފަހުން އާންމުވެފައިވާ އެފަދަ ވީޑިއޯތަކެއްގެ ވާހަކައެވެ.

އެގޮތުން އެ ވީޑީއޯއިން ފެނުނު މަންޒަރު ހަޑިވެގެން އޯކާ ދެމިދެމިފައި އެކުދިން ދެއްކި ވާހަކަތައް އަޑު އަހަން ހުރި އިރު އަހަރެން ވެސް ލަދުގަތެވެ. އެތަނުން އެއް ކުއްޖަކު ބުނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. ހޮލީވުޑްގައި އުޅޭ ބައެއް މަޝްހޫރު އަދި ރީތި ސްޓާރުންނަކީ ވެސް "ގޭ" މީހުން ކަމަށެވެ. ނަމަވެސް އެ ވާހަކަތަކުގެ ތެރެއިން އެކަމަކީ އިސްލާމް ދީނުގައި ކިހާވަރެއްގެ ނުބައި ކަމެއް ކަން ހާމަކޮށް އަނގައިން ބުނި ކުއްޖަކު ނުފެނުނެވެ.

އަދުގެ ކުޑަކުދިންނަކީ މަދަމާގެ ޒުވާނުންނެވެ. އަންނަން އޮތް ޒުވާން ދަރިފަސްކޮޅު ހަލާކެއްގެ ތެރެއަށް ގޮސްފި ނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނީ މުޅި މި މުޖުތަމައު އަށެވެ. މިކަމުން އަރައިގަތުމަށް ސްމާޓް ދުނިޔެއަށް ލޯ ހުޅުވެމުންދާ ކުދިންގެ ކަންކަން މޮނިޓާކޮށް އެކުދިން ބޭނުންކުރާ ވަސީލަތްތައް ރަނގަޅަށް ބަލާ ހަދަން ވާނެއެވެ. އަދި ނަހަމަ ގޮތުގައި އިންޓަނެޓް ބޭނުންކޮށް އެކަމަށް ދަރިއަކު ދެވި ހިފުމުގެ ކުރިން ބެލެނިވެރިން ސަމާލުވެ ދަރިންގެ ހައްގުގައި ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ފުރިހަމަ ގޮތުގައި ދަރިއަކު ތަރުބިއްޔަތު ކުރެވުނު ކަމަށް ނުވާނެއެވެ.

މިއީ ހަމައެކަނި ބެލެނިވެރިން ވިސްނާލަން ޖެހޭ ކަމެއް ނޫނެވެ. އާއިލާގެ ހުރިހާ މެންބަރުންގެ އެއްބާރުލުން މި ކަމުގައި ބޭނުން ވެއެވެ. އަދި ޓީޗަރުންގެ އެއްބާރުލުންވެސް މެއެވެ. ހަމައެއާއެކު މި މުޖުތަމައުގައި އުޅޭ ޒުވާނުން ވެސް މިކަމާ މެދު ވިސްނާލަން ޖެހެއެވެ. ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްލާ ކޮންމެ އެއްޗަކީ ވެސް ޕަބްލިކްކޮށް ފެންނަ ގޮތަށް ދޫކޮށްލާ އެއްޗަކަށް ވާއިރު، ކުޑަކުދިން އެ ޕްލެޓްފޯމްތަކުގައި އުޅޭ ކަން ދެނެގަންނަން ޖެހެއެވެ. ކުޑަކުދިންނާ ނުގުޅޭ އަޑާއި މަންޒަރު ނުދެއްކޭނެ ގޮތަކަށް އަހަރެމެންގެ އުޅުން ވެސް އެބަ ބައްޓަން ކުރަން ޖެހެއެވެ.