ޔޫކްރައިންގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރު ކަމުގައި ވާ ރަޝިއާވެސް މިހާރު އޮތީ ޑިފޯލްޓް ވުމުގެ ތުންފަތް މަތީގައި ކަމަށް ބީބީސީއިން ރިޕޯޓް ކޮށްފިއެވެ.

ގައުމެއް ޑީފޯލްޓްވި ކަމަށް ބަލަނީ އެ ގައުމަކުން ބޭރުގެ ފަރާތްތަކަށް ދަރާފައިވާ ދަރަނި ދައްކާ، ހަލާސް ކުރުމަށް ފެއިލްވުމުންނެވެ.

އެގޮތުން ރަޝިއާއިން މިއަދުގެ ނިޔަލަށް އިންޓްރެސްޓްގެ ގޮތުގައި ހަލާސް ކުރަންޖެހޭ 100 މިލިއަން ޑޮލަރު އެބައޮތް ކަމަށާ، ނަމަވެސް އެ ފައިސާ ދައްކާ ހަލާސް ކުރުމަކީ ނާދިރު ކަމެއް ކަމަށް ބީބީސީގެ ރިޕޯޓްގައިވެއެވެ. އެކަން އެހެންވެއްޖެނަމަ، މިއީ 1998 ވަނަ އަހަރަށް ފަހު ރަޝިއާ ޑިފޯލްޓްވާ ފުރަތަމަ ފަހަރަށް ވާނެއެވެ.

ރަޝިއާގެ ދަރަނި ހަލާސް ކުރުމަށް އެ ގައުމުގައި ފައިސާ އެބަހުއްޓެވެ. އަދި އެ ފައިސާ ދައްކަންވެސް ރަޝިއާ އޮތީ ތައްޔާރަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ކްރެޑިޓަރުންނަށް ފައިސާ ދެއްކުމަށް ރަޝިއާއަށް ވަނީ މަގުތައް ބަންދުވެފައެވެ. އެއީ ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުން ދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އެންމެ ފަހުން ރަޝިއާ ޑީފޯލްޓް ވެފައި ވަނީ ބޮރިސް ޔެލްޓްސިންގެ ވެރިކަމަށް ހިތި ނިމުން އައި ދުވަސްވަރުއެވެ.

ރަޝިއާއިން މިއަދުގެ ނިޔަލަށް ހަލާސް ކުރަން ޖެހޭ 100 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ޕޭމަންޓުގެ ހަގީގީ ސުންގަޑިއަކީ މެއި 27 އެވެ. ރަޝިއާއިން ބުނާ ގޮތުގައި އެ ފައިސާ ވަނީ ޔޫރޯކްލިއާ ބޭންކާ ހަވާލުވެސް ކޮށްފައެވެ. އިންވެސްޓަރުންނަށް ބެހުމަށްޓަކައެވެ. ނަމަވެސް އެ ފައިސާ ތަނުގައި ތާށިވެފައި ވާ ކަމަށާ، އިންވެސްޓަރުންނާ ހަމައަށް ފައިސާ ނުދާކަމަށް ބްލޫމްބާގާ ހަވާލާދީ، ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ގައުމެއް ޑީފޯލްޓްވުމުން، އިތުރު ފައިސާ ލޯނަށް ނެގުމަށް އެ ގައުމަކަށް ހުރަސް އެޅެއެވެ.