އިގުތިސޯދީ ހީނަރުކަމާ ކުރިމަތިލާން ޖެހި ނުތަނަވަސް ފައްތަރެއްގައި އޮތް ޕާކިސްތާން، އިނދަޖެހުމަކުން ސަލާމަތް ކުރުމުގެ ގޮތުން ސައި ބޯ މިންވަރު މަދުކޮށް، ދޭސީ ބުއިންތައް ޕްރޮމޯޓް ކުރުމަށް، އެ ގައުމުގެ މަތީ ތައުލީމާ ބެހޭ ކޮމިޝަން (އެޗްއީސީ) އިން، ވައިސް ޗާންސެލަރުންނަށް ގޮވާލައިފިއެވެ.

އެޗްއީސީ ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޑރ ޝައިސްތާ ސުހައިލް ވަނީ، ސައި ދޫކޮށް، ދޭސީ ބުއިންތައް އިހުތިޔާރު ކުރަން ފެށުމަކީ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ، އާންމުންނަށް އާމްދަނީ ލިއްބައިދޭނެ ކަމެއް ކަމަށެވެ.

ޕާކިސްތާނުގެ ޕްލޭނިންގް މިނިސްޓަރު އަހްސަން އިގުބާލްވެސް މީގެ ކުރިން ވަނީ، އެ ގައުމަށް ސައިފަތް އެތެރެ ކުރަނީ ލޯނު ނަގައިގެން ކަމުން، ކޮންމެ ރައްޔިތަކުވެސް ސައި ބޯ މިންވަރުން ކޮންމެ ދުވަހަކުވެސް 1 ތަށި ނުވަތަ 2 ތަށި މަދު ކުރުމަށް އެދިވަޑައިގެންފައެވެ.

2020-2021 ވަނަ އަހަރާ އަޅާ ބަލާއިރު،2022-2021 ވަނަ އަހަރު ޕާކިސްތާނުގެ އިމްޕޯޓް ބިލް 60 މިލިއަން ޑޮލަރުން އިތުރުވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މާލީ ހީނަރުކަން ކުރިމަތިވެ، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ޕާކިސްތާން ރުޕީޒްގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ގޮސް، އެ ގައުމުގެ ބޭރު ފައިސާޣެ ރިޒާވް އިންތިހާއަށް ހީނަރުވެފައި ވާ އިރު، ހަރަދު ކުޑަ ކުރުމުގެ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފުގެ ސަރުކާރުން ތަންފީޒު ކުރަމުން ދަނީ އާދަޔާ ހިލާފު ސިޔާސަތުތަކެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ޕާކިސްތާނުގެ ހިއްސާގެ ވިޔަފާރީގެ ބެންޗްމާކް އިންޑެކްސް 2000 ޕޮއިންޓް ވެއްޓުމާއެކު، ހުކުރު ދުވަހު ވަނީ ހިއްސާގެ މުއާމަލާތްތައްވެސް މެދުކަނޑާލާފައެވެ.

ތެލާއި ގުދުރަތީ ގޭސް އަދި ކަރަންޓުގެ އަގު ބޮޑުވުމާއެކު، ޕާކިސްތާނުގައި ކާބޯތަކެތީގެ އަގުތައްވެސް ވަނީ 45 ޕަސެންޓަށް އުފުލިފައެވެ.

މާލީ ގޮތުން އިންތިހާ ހީނަރުކަމާ ކުރިމަތިލާން ޖެހިފައިވާ ގައުމުތަކަށް ފުޅާ ދާއިރާއެއްގައި އެހީ ފޯރުކޮށްދޭ "ޕެރިސް ކުލަބު"ގައި ނުހިމެނޭ ގައުމުތަކަށް، ޑިސެމްބަރު 31، 2021 ގެ ނިޔަލަށް ޕާކިސްތާނުން ދަރާފައި ވާ ދަރަނީގެ އަގު އެކަނިވެސް 16 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރަސްމީ ރެކޯޑްތަކުން ދައްކައެވެ.

ކަން މިހެން އޮތް އިރު ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ވަނީ އެ އިދާރާއިން ޕާކިސްތާނަށް ދޫކޮށްފައިވާ ފަންޑިންގް ފެސިލިޓީ އިތުރު ކޮށްދިނުމަށް ނިންމާފައި ކަން ފާހަގަ ކުރަން ޖެހެއެވެ.