ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި އަފްގާނިސްތާނަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ހާދިސާއަށް ފަހު ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުން ކާބޯތަކެތި ހުސްވެ، ބޯ ހިޔާވަހިކަން ހޯދޭނެ ގޮތެއް ނެތިފައި ތިބި މީހުން އެބަތިބި ކަމަށާ، އެ ސަރަހައްދުގައި ކޮލެރާގެ ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ރެކްޓާ މިންގަނޑުން 6.1 ގެ ބާރުމިނުގައި މިދިޔަ ބުދަ ދުވަހު އައި ބިންހެލުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 1000 އަށް ވުރެ މައްޗަށް އަރާފައި ވާ އިރު، ޒަހަމްވީ މީހުންގެ އަދަދު 3000 އަށް އަރާއެވެ. ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ޕަކްތިކާ ޕްރޮވިންސަށެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ހުރިހާ ގެއެއްހެން އަޅާފައި ހުރީ ކިސަޑާއި ޗަކަ އަދި ގާބުރިބުރި ބޭނުން ކޮށްގެން ކަމަށް ވާ އިރު، ބިންހެލުމުގެ ހާދިސާގައި ބައެއް އަވަށްޓައް މުޅިންހެން ބިމާހަމަ ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވެސް ބަޔަކު ތިބޭނެ ކަމަށް ބެލެވުނެވެ.

ކޮންމެ އާއިލާއަކުންހެންވެސް ދަނީ މީހެއް ނުވަތަ ގިނަ މީހުން ތަކެއް މި ދުނިޔެއާއި ވަކިވެދިއުމުގެ ހިތާމަ ފާޅު ކުރަމުންނެވެ.

އެތައް ސަތޭކަ އާއިޅާއެއްގެ ގެދޮރު ގެއްލިފައި ވާ އިރު، ބައެއް މީހުން ދަނީ ގެއިން ބާކީ ހުރި ތަންކޮޅުގައި ކޮންމެވެސް ގޮތަކުން ބޯހިޔާވަހިކަން ހޯދަމުންނެވެ. ގޭގައި ބާކީ ހުރި އެއްޗަކުން އަތުޖެހުނު އެއްޗެއް ނަގައިގެން ޓެންޓު ޖަހައިގެންވެސް އުޅެއެވެ.

ކަން މިހެން އޮތް އިރު އދއިން ވަނީ އަފްގާނިސްތާނުގައި ކޮލެރާގެ ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމަށް އިންޒާރުކޮށްފައެވެ. އދއިން މިހާރުވެސް ދަނީ އެކި ގޮތް ގޮތުން އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިތުރު ބައެއް ޖަމާއަޔްތަކުންވެސް އަފްގާނިސްތާނަށް އެހީ ދެމުން ދާއިރު، އަދިވެސް އިތުރަށް އެހީ ބޭނުން ވާ ކަމަށް، އަފްގާނިސްތާނު ކޮންޓްރޯލް ކުރަމުންދާ ތޯލިބާން ޖަމާއަތުން ވަނީ ގޮވާލާފައެވެ.